ރިޕޯޓް

މާފަރު އެއަރޕޯޓްގައި ޒަމާނީ ގިނަ ޚިދުމަތްތަކެއް ފަށާނެ - ޒަމީރު


ނ.މާފަރުގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓާއެކީ ޒަމާނީ ގިނަ ޚިދުމަތްތަކެއް އެރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މާފަރުގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތް ހަމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. 

ނ.މާފަރުގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ޔުނައިޓެޓް ޢަރަބް އެމިރޭޓްސްގެ އަބޫދާބީ ފަންޑުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ އެއަރޕޯޓެކެވެ. މި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފަށާތާ ހަމަސްދުވަހުގެ ތެރޭފައި ޚިދުމަތް ދޭން ފެށޭންކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެއަރޕޯޓް ތަރައްޤީކުރާ ސަރަޙައްދުގެ ބިން ސާފުކޮށް ނިމިފައިވާއިރު އެއަރޕޯޓް އެޅުމަށް ބޭނުންވާ ބައެއް ސާމާނު ވަނީ އެރަށަށް ގެންގޮސްފައެވެ. ނ.އަތޮޅުގައި އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އަބޫދާބީ ފަންޑާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަންސަވީސް ދުވަހުއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާ ކުރައްވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، މާފަރުގައި  އެއަރޕޯޓް ތަރައްޤީކުރަނީ 2.2 ކިލޯމީޓަރުގެ ރަންވޭއަކާއެކުކަމަށެވެ. އަދި އެންމެ މަތީފެންވަރުގެ ޒަމާނީ ވީވީއައިޕީ ކޮމްޕްލެކްސްއެއްވެސް މިމަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށާއި، އެނޫވެސް ޒަމާނީ ގިނަ ވަސީލްތަތަކެއް ތަރައްޤީކުރެވޭނެކަމަށެވެ.  އެއަރޕޯޓް ތަރައްޤީކުރަނީ ސިޓީ ހޮޓަލަކާއެކުކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ފަންސާސް ރޫމްގެ ސިޓީ ހޮޓަލަކީ ސަތޭކަ ރޫމަށް ބޮޑުކުރެވޭގޮތަށް ތަރައްޤީކުރާ ސިޓީ ހޮޓަލެއްކަމަށެވެ.  ސިޓީ ހޮޓާ ތަރައްޤީ ކުރުމުގެ ބޭނުނަކީ އެއަރޕޯޓް ހިންގުމުގެ ޚަރަދުތައް ދެކޮޅުޖެއްސުންކަމަށާއި، މި މަޝްރޫޢަށް ސަރުކާރުގެ ބަޖެޓުން ޚަރަދުނުކުރާކަމަށެވެ. އަބޫދާބީ ފަންޑުގެ ހިލޭ އެހީގައި ހިންގާ މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ވިދާޅުވިއެވެ.

ނ.އަތޮޅަކީ ފަތުރުވެރިކަމުގެ އެންމެ މަތީފެންވަރުގެ ރިސޯޓްތަކާއި ދުނިޔޭގެ އެންމެ މުއްސަނދިން ޒިޔާރަތްކުރާ ރިސޯޓްތައް ހުރި އަތޮޅުކަން ފާހަގަކުރައްވާ ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ވަރަށް އަވަހަށް އަޕްމާކެޓްގެ އިތުރު ރިސޯތްތަކެއް އެ އަތޮޅުގައި ތަރައްޤިވެގެން އަންންނާނެކަމަށެވެ. މާފަރު އެއަރޕޯޓް ތަރައްޤީވުމުން އަމިއްލަ ޖެޓުތަކުގައި މުއްސަނދި ފަތުރުވެރިން އެ ސަރަޙައްދަށް ޒިޔާކުރާނެކަމަށާއި، ޒަމާނީ ގިނަ ޚިދުމަތްތަކެއް އެސަރަޙައްދުގައި ތަޔަރައްޤީވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ނ.އަތޮޅަކީ އަޕްމާކެޓް އެންމެ ގިނަ ރިސޯޓްތައް ހުރި ސަރަޙައްދު. މި ހާރު ނ.އަތޮޅު އަލްޓްރާ ލަގްޒަރީ ޑެސްޓިނޭޝަންގެ ގޮތުގައި ތަރައްޤީވެގެންމިދަނީ. މި މަޝްރޫޢު ނިމިގެންދާއިރު އަމިއްލަ ޖެޓުތަކުގައި މުއްސަނދިން މާލެ ނައިސް ކަސްޓަމްސްއާއި އިމިގްރޭޝަން ނިންމާ ފަތުރުވެރިކަމުގެ ގިނަ ޚިދުމަތްތަކެއް އަވަހަށް ލިބިގެންދާނެ" ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. 

ސަރުކާރުން ވަނީ މިއަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހަށް މާފަރު އެއަރޕޯޓް ހުޅުވުމަށް އަމާޒުހިފާފައެވެ.