ވިޔަފާރި

އަނިލް އަމްބާނީގެ ވިޔަފާރި މުކޭޝް އަމްބާނީ ގަނެލަނީ


އުމުރުން 60 އަހަރުގެ މުކޭޝް އަމްބާނީއާއި 58 އަހަރުގެ އަނިލް އަމްބާނީއަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ދެ ބިލިއަނަރުންނެވެ. އެއްބަނޑު އެއްބަފާ ދެބެއިންގެ ތެރެއިން ދޮށްޓަށް ހުރި މުކޭޝް އަމްބާނީއަކީ އިންޑިއާގެ އެންމެ މުއްސަނދި މީހާއެވެ. މި ދެބެއިންނަށް މުއްސަނދިކަން ލިބިގެންދިޔައީ މީގެ 50 ވަރަކަށް އަހަރު ކުރިން އެދެބެއިންގެ ބައްޕަ ޤާއިމްކުރި މަޝްހޫރު ރިލަޔަންސް ކުންފުނީގެ ސަބަބުންނެވެ.

އެކުންފުނީގެ ވިޔަފާރިތަކުގެ ތެރޭގައި ތެލާއި ގެހާއި، ކަރަންޓް ފޯރުކޮށްދިނުމާއި، ޓެކްސްޓައިލް، މެޑިކަލް، މުނިފޫހިފިލުވުން، އިންފްރާސްޓްރަކްޗަރ އަދި ޓެލެކޮމިއުނިކޭޝަންގެ ވިޔަފާރި ހިމެނެއެވެ.

މުކޭޝްއާއި އަނިލް، އެދެބެއިންގެ ބައްޕަގެ ކުންފުނީގައި މަސައްކަތްކުރަން ފެށީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. 2002 ވަނަ އަހަރު އެދެބެއިންގެ ބައްޕަ މަރުވުމާ ހަމައަށް އަނިލްއާއި މުކޭޝް މަސައްކަތްކުރީ އެކުގައެވެ. ނަމަވެސް އެއަށްފަހު ފެނިގެންދިޔައީ ދެބެއިންގެ މެދުގައި މައްސަލަތައް ޖެހި، އިންޑިއާގެ އެންމެ ބިޔަ އެއް ކުންފުނީގެ މިލްކިއްޔާތާ ހެދި އަރާރުންވާން ފެށި މަންޒަރެވެ. އެންމެ ފަހުން އެމައްސަލަ ހައްލުކުރަން ޖެހުނީ އެދެބެއިންގެ މަންމަ މެދުވެރިއަކަށް ވެގެނެވެ. މައްސަލަ ނިމުނުއިރު ކުންފުނީގެ މިލްކިއްޔާތު ދެބެއިންނަށް ބަހާލިއެވެ.

ކުންފުނި ދެބަޔަށް ބަހާލިއިރު ތެލާއި ގޭހުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ވިޔަފާރިތަކުގެ ކޮންޓްރޯލް ލިބުނީ މުކޭޝްއަށެވެ. އަދި ޓެލެކޮމިއުނިކޭޝަނާއި ހަކަތާއި މާލީ ވިޔަފާރިތަކުގެ ކޮންޓްރޯލް އަނިލް ނެގިއެވެ.

img:http://s4.psmnews.mv/images/660x400/15148095346426.jpg|އަނިލް އަމްބާނީ އާއި މުކޭޝް އަމްބާނީ، އެދެބެއިންގެ ބައްޕައާއެކު

ވިޔަފާރި ދެ ބައި ކޮށްލުމަށްފަހު ދެން ފެނިގެންދިޔައީ ދެބެއިންގެ މެދުގައި ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިގެން ދިޔަ ތަނެވެ. މީޑިއާގައި ފާޅުގައި އެކަކު އަނެކަކަށް ތުހުމަތުތައް ކުރަން ފެށިއެވެ. އަބުރުގެ ދަޢުވާކޮށް ކޯޓުތަކަށް މައްސަލަތައް ހުށަހެޅިއެވެ. ދެބެއިންވެސް ކުރަނީ އެއް ތުހުމަތެކެވެ. އެކަކު އަނެކަކުގެ ވިޔަފާރި ހަލާކުކޮށްލުމަށް މަސައްކަތްކުރުމުގެ ތުހުމަތެވެ. މިމައްސަލަ ގަނޑާ ހެދި ދެބެއިންގެ ގުޅުން ގާތްގަނޑަކަށް އޮތީ ކެނޑިފައެވެ. ވާހަކަ ދައްކަނީ މުޅިންވެސް ސިޓީއިން ނުވަތަ މެއިލްއަކުންނެވެ.

2005 ވަނަ އަހަރު ރިލަޔަންސްގެ ވިޔަފާރި ދެބައި ކޮށްލުމަށްފަހު މިވީ މުއްދަތުގައި އެންމެ ބޮޑަށް ކުރިއަރައިގެން ދިޔައީ މުކޭޝް އަމްބާނީއެވެ. މުކޭޝްއާ ގާތްކުރާ ހަމައަށްވެސް އަނިލްއަކަށް ނުދެވުނެވެ. ކުންފުނި ދެބައިކޮށްލިއިރު އަނިލްގެ މިލްކިއްޔާތުގެ އަގު 45 ބިލިއަން ޑޮލަރަށް އަރައެވެ. ނަމަވެސް މިހާރު އޭނާގެ މިލްކިއްޔާތުގެ އަގަކީ 3.15 ބިލިއަން ޑޮލަރެވެ. އަނެއްކޮޅުން މުކޭޝްގެ މިލްކިއްޔާތުގެ އަގު 40 ބިލިއަން ޑޮލަރާ ގާތްކުރެއެވެ.

img:http://s3.psmnews.mv/images/660x400/15148094591460.jpg|މުކޭޝް އަމްބާނީ / އޭނާއަކީ އިންޑިއާގެ އެންމެ މުއްސަނދި މީހާ

ދެބެއިންގެ ވާދަވެރިކަން އެންމެ ބޮޑަށް ފެނިގެންދިޔައީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައެވެ. ކުންފުނި ބެހިއިރު ރިލަޔަންސްގެ ޓެލެކޮމިއުނިކޭޝަން ވިޔަފާރި އަނިލްއަށް ލިބުމުން، އައު ކުންފުންޏެއް ހަދައިގެން މުކޭޝް އެވިޔަފާރި ފެށިއެވެ. ރިލަޔަންސް ޖިއޯ އިންފޯރކޮމްގެ ނަމުގައި ފެށި ވިޔަފާރި ވަރަށް ބާރަށް ކުރިއެވެ. އިންޑިއާގައި އެންމެ ކުރިއަރަމުންދާ އެއް ސިނާއަތަށް މޮބައިލް ފޯނާއި އިންޓަނެޓުގެ ޚިދުމަތުގެ ވިޔަފާރި ވެފައިވާއިރު، މުކޭޝްގެ ކުންފުނިން އެޚިދުމަތް ދޭން ފެށީ ކުޑަ އަގެއްގައެވެ. އަދި މިދިޔަ އަހަރު މުކޭޝްގެ ކުންފުނިން އަލަށް ޚިދުމަތް ހޯދާ ފަރާތްތަކަށް 6 މަސްދުވަހު 4ޖީ ސްޕީޑްގައި ހިލޭ އިންޓަނެޓް ދިނުމަށް ނިންމިއެވެ. އެއާއެކު ފެނިގެންދިޔައީ ޓެލެކޮމިއުނިކޭޝަން ސިނާއަތުގައި ހަރަކާތްތެރިވާ އެހެން ކުންފުނިތައް ވަރަށް ބޮޑަށް އަޑިއަޅައިގެން ދިޔަ ތަނެވެ. އޭގެ ތެރޭގައި އަނިލްގެ ރިލަޔަންސް ކުންފުންޏާއި ވޮޑަފޯނާއި އެއަރޓެލް އަދި އައިޑިއާ ކުންފުނި ހިމެނެއެވެ.

މުކޭޝްގެ ކުންފުނިން ޓެލެކޮމިއުނިކޭޝަން ވިޔަފާރީ ކޮންޓްރޯކުރަން ފެށުމުގެ ނަތީޖާއަކަށްވީ އެހެން ކުންފުނިތަކުން އަގުތައް ތިރިކުރަން މަޖުބޫރުވުމެވެ. މިކަމުގެ ތެރެއިން އަނިލްގެ ރިލަޔަންސް ކުންފުންޏަށް ބޮޑެތި ގެއްލުންތައްވެ، ދަރަނިވެރިވާން ފެށިއެވެ. އަދި ކުންފުނީގެ ދަރަނި 7 ބިލިއަން ޑޮލަރަށް އެރިއެވެ. އަނެއްކޮޅުން ބެންކުތަކުން ނަގާފައިވާ ލޯނުތައް ނުދައްކައިގެން މައްސަލަތައް އޮތީ ކޯޓުގައެވެ. އެހެން ކުންފުނިތަކަށްވެސް މިމައްސަލަ ކުރިމަތިވިއެވެ. ވޮޑަފޯނާއި އެއަރޓެލްއާއި އައިޑިއާއަށް މަޖުބޫރުވީ އެހެން ކުންފުނިތަކާއި ގުޅިގެން މަސައްކަތްކުރުމަށެވެ. އެގޮތުން ވޮޑަފޯނުން، އައިޑިއާ ސެލިއުލަރ ކުންފުންޏާއެކު ގުޅިގެން މަސައްކަތްކުރުމަށް ނިންމިއިރު، އިންޑިއާގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި އެއަރޓެލް އިން ނިންމީ ނޯވޭގެ ބޮޑު ކުންފުންޏަކާއެކު މަސައްކަތްކުރުމަށެވެ.

img:http://s2.psmnews.mv/images/660x400/15148095014888.jpg|ރިލަޔަންސް އިންފޯކޮމްގެ ވެރިޔާ އަނިލް އަމްބާނީ / ވިޔަފާރި ދަށަށް ދިއުމުން، ޓެލެކޮމް ވިޔަފާރިި ވިއްކާލުމަށް ވަނީ ނިންމާފައި

އަނިލް އަމްބާނީގެ މަޝްހޫރު ރިލަޔަންސް ކުންފުނިން ނިންމީ ޓެލެކޮމިއުނިކޭޝަން ވިޔަފާރި ހުއްޓާލުމަށެވެ. އަދި ހުރިހާ މުދަލެއް ބޭބެ މުކޭޝްއަށް ވިއްކާލުމަށް ނިންމާ، އެކަން މިދިޔަ ހަފްތާގައި ވަނީ ޢިއުލާންކޮށްފައެވެ. އަދި ލިބޭ ފައިސާއިން ދަރަނިތައް އަދާކުރުމަށް ވަނީ ނިންމާފައެވެ.

އިންޑިއާގެ އެންމެ މުއްސަނދި ދެބެއިންގެ އަރާރުންގަނޑު އެންމެ ފަހުން ނިމިގެންދިޔައީ އިންޑިއާގެ ބޮޑެތި ކުންފުނިތަކަށްވެސް އޭގެ އަސަރުކުރުމަށްފަހުއެވެ. މީގެ ކުރިން އިންޑިއާގެ ވެރިންވެސް ވަނީ އެދެބެއިންގެ ކޯޅުމުގެ އަސަރު އިންޑިއާގެ ވިޔަފާރިތަކަށް ކުރާނެކަމަށް އިންޒާރުދީފައެވެ. ނަމަވެސް މިހާރު އެދެބެއިންގެ މެދުގައި މާބޮޑު ވާދަވެރިކަމެއް ނެތްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.