ޚަބަރު

ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި


އަންނަ އަހަރު ޝަރުޢީ ދާއިރާގައި ކުރަން ނިންމާފައިވާ ކަންކަމާއި ގުޅޭގޮތުން ތައްޔާރު ކޮށްފައިވާ އެކްޝަން ޕްލޭން ތަންފީޒު ކުރުމާގުޅޭގޮތުން ކޯޓްތަކާއެކު މަޝްވަރާކޮށްފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ ރަޖިސްޓްރާއިންނާއި އެޑްމިނިސްޓްރޭޓަރުންގެ އިތުރުން އިދާރީ އިސްވެރިންނާއެކު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ޝަރުޢީ ދާއިރާއިން 2017 ވަނަ އަހަރުގެ ނިޔަލަށް ހާސިލްކުރެވުނު ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާ ކޮށްފައެވެ. އަދި 2018 ވަނަ އަހަރުގެ އެކްޝަން ޕްލޭން، ބައްދަލުވުމުގެ ބައިވެރިންނާ ޙިއްޞާކޮށް މަޝްވަރާ ކޮށްފައިވެއެވެ. އެގޮތުން ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ވަކިވަކި ޕްލޭންތަކާ އެއްގޮތަށް ނަތީޖާ ޙާޞިލުކުރުމަށްޓަކައި ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުން، ކުރިއަށް އޮތް 2018 ވަނަ އަހަރުގެ މަސައްކަތްތައް ރާވާ ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރިއެވެ.

ޝަރުޢީ ދާއިރާގެ ކޮންމެ ކޯޓަކީ ވަކި ކަހަލަ މައްސަލަތަކެއް ހުށަހެޅޭ ކޯޓުތަކެއް ކަމާއި، އަދި އެކި ކޯޓުތަކަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ތަފާތުވާކަން ފާހަގަކޮށް އެކަންކަމަށް ރިޢާޔަތްކޮށް ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭން އެގޮތުގެ މަތިން އިޞްލާޙުކޮށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ. މީގެ އިތުރުން ކޯޓްތަކުގެ ޕަރފޯމަންސް ބެލުމަށް އާއްމުކޮށް ބޭނުންކުރާ ބައެއް މިންގަޑުތަކަކީ ކޯޓުތަކުގެ މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅަށް ތަސްވީރުވާ މިންގަޑުތަކެއް ނޫންކަން ބައެއް ކޯޓްތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބަންދާމެދު ގޮތެއް ނިންމުމަށްޓަކާ ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި ކާވެންޏާއި ވަރީގެ މައްސަލަތަކަށް ކޯޓުތަކުން ހޭދަކުރާ ވަގުތަކީވެސް ކޯޓުތަކުގެ ވަސީލަތްތައް ހިނގަމުންދާ ކަންކަމަށްވާތީ މިކަންކަންވެސް ފެންނާނޭހެން ޝަރުއީދާއިރާގެ ޕަރފޯމަންސް ވަޒަން ކުރުމުގެ ނިޒާމް ބަދަލުކުރުމުގެ މުހިންމުކަން ބައިވެރިން ފާހަގަކުރިއެވެ.

މިބައްދަލުވުމުގައި، 2018 ވަނަ އަހަރު ކޯޓްތަކުގެ ކޭސް ކްލިއަރެންސް ރޭޓް 100 އިންސައްތައަށްވުރެ މަތީގައި ހިފެހެއްޓުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރިއެވެ.