ޚަބަރު

ދީނާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފި

އިސްލާމްދީން ނޫން ދީންތަކަށް ޖާގަ ހޯދުމަށް މަގުފަހިވާ ފަދަ ބޭކާރު ވާހަކަތައް ނުފެތުރުމަށާއި އިސްލާމްދީން މަތީ ފައިތިލަ ސާބިތު ކޮށްގެން ތިބުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ދިވެހިރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

މިކަމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއްވީ އިސްލާމް ދީނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބައެއްމީހުން ފަތުރަމުންދާ ވާހަކަތަކަށް އިޝާރާތްކޮށް ނެރުނު ބަޔާނެއްގައެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރުނު ބަޔާނުގައިވަނީ މާތްﷲ އިންސާނުންނަށްޓަކާ ދީނެއްކަމުގައި ލެއްވީ އިސްލާމްދީންކަން ފާހަގަކޮށް އަދި ދީނުގެ ގޮތުގައި އެހެން ދީންތައް ޤަބޫލުނުކުރެވޭނެކަން ހަނދާންކޮށްދީފައެވެ. އަދި އިސްލާމް ދީން ނޫން ދީންތައް ޤަބޫލުކުރާ މީހުން ޤިޔާމަތް ދުވަހުންވަނީ ހަލާކުގެ ތެރޭގައިކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ކީރިތި ޤުރުއާނުން ދަލީލު ދައްކަމުން މިބަޔާނުގައިވަނީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ދީނާ ޚިލާފު ވާހަކަތައް ދެއްކުމާ ދުރުހެލިވާންޖެހޭކަމަށާއި، ދިވެހިންގެ އަޤީދާ ވަރުގަދަކުރަންޖެހޭކަން ފާހަގަކޮށްފައެވެ. ދިވެހިންގެ ތެރޭގައި ދީނީ ގޮތުން އުފެދިފަައިވާ ބައިބައިވުންތައް ނައްތާލާ ދީނީ ގޮތުން އަރާފައިވާ އޮޅުންތައް ޢާއްމުނަށް ބުނެދީ ދީނީ ވަޙުދަތު ވަރުގަދަ ކުރުމަށް އިލްތިމާސްކޮށްފައެވެ.