ޚަބަރު

ކެންދޫ ބަނދަރާއި ސާފު ބޯފެނުގެ މަޝްރޫޢު އިފްތިތާޙްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބ.ކެންދޫ ބަނދަރު ހުޅުއްވާދެއްވައި، ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އާރް.އޯ ޕްލާންޓަކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައިފިއެވެ. އެމަނިކުފުނު މިދެ މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ މިހާރު އެމަނިކުފާނު ތިން އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކެންދޫއަށް ކުރެއްވި ދަތުރުފުޅުގައެވެ.



ބ.ކެންދޫ ބަނދަރު ހުޅުއްވާދެއްވާ، ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އާރް.އޯ ޕްލާންޓަކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމުގެ މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ކެންދޫގައި ހުޅުވި ބަނދަރަކީ 600 ފޫޓް ދިގު އަދި 200 ފޫޓް ފުޅާ ބަނދަރެކެވެ. ކެންދޫގައި ބަނދަރު ހެދުމުގެ މަޝްރޫޢަށް ސަރުކާރުގެ ބަޖެޓުން 31 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ކެންދޫގެ ބަނދަރު ހުޅުއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކެންދޫގައި ހުޅުވުނު ބަނދަރަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އެރަށު ރައްޔިތުން ބޭނުންވާ ގޮތަށް ހަދާފައިވާ ބަނދަރެއް ކަމަށެވެ.



''ޒަމާނީ ފެންވަރަށް ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީކޮށްފައިވާ ބަނދަރެއް. ބޭރު ތޮށިވެސް ހަދާފައި ވަނީ ފާލާންވެސް ހިމެނޭ ގޮތަށް. ރައްޔިތުންންނަށް ފާލަމަށްވެސް އެރޭ ގޮތަށް'' - މުޢިއްޒު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15141988029858.jpg|ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު- ފޮޓޯ: ޕީއެސްއެމް

ހައުސިންގ މިނިސްޓަރ ގެ ވާހަކަފުޅުގައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ މިވީ ހަތަރު އަހަރު ތެރޭގައި ރަށްރަށުގެ ތަރައްޤީއަށް ހިންގަވާފައިވާ މަޝްރޫޢުތަކުގެ މައްޗަށް ބައްލަވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މިވީ ހަތަރު އަހަރުގެ ތެރޭގައި 47 ރަށެއްގައި ބަނދަރު ހަދާ ނިމި 31 ރަށެއްގައި ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިހާރުވެސް 31 ރަށެއްގައި ބަނދަރު ހެދުމުގެ މަޝްރޫޢު މިހާރުވެސް ކުރިޔަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި، ރައީސް ޔާމީނަކީ ތަރައްޤީޤެ މަޝްރޫޢުތަށް ހިންގުމުގައި އިންސާފުވެރިކަމާއެކު ހުރިހާ ރަށެއްގައި ވެސް މަޝްރޫތަށް ހިންގުމުގައި އިސްކަންދެއްވާ ވެރިއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.



ސާފު ފެން ރައްޔިތުންނަށް ޔަޤީންކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކެންދޫގައި އާރްއޯ ޕްލާންޓަކާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމުގެ މަޝްރޫޢު ރައީސް ޔާމީން ވަނީ އިފްތިތާޙުކުރައްވާފައެވެ. މިމަޝްރޫޢު ކުރިޔަށް ގެންދަނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. މިމަޝްރޫޢަކީ ސަރުކާރާއި އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވަލޮޕްމަންޓް، އޮފިޑް ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ އަގަކީ 4.9 މިލިއަން ރުފިޔާއެވެ. މަޝްރޫޢުގެ ދަށުން ކެންދޫގައި ގަޑިއަކު 1 ޓަނުގެ ފެން އުފައްދާ 2 އާރްއޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި 50 ޓަނުގެ ސްޓޯރޭޖް ޓޭންކް ބެހައްޓަނެއެވެ. އަދި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު ކެންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނަށް ޖެހުމުގެ މައްސަލައަށް ދާއީމީ ޙައްލެއް ލިބިގެންދާނެއެވެ.