ޚަބަރު

އައި.ވައި.ސީގެ ތެރެއިން ޒުވާނުން ބާރުވެރި ކުރާނަން - ރަފިއްޔާ


އިންޓަރނޭޝަނަލް ޔޫތް ކޮމިޓީ (އައި.ވައި.ސީ)ގެ ނައިބްރައީސްގެ ހައިސިއްޔަތުން ރާއްޖެއާ އޭޝިޔާ ސަރަހައްދުގެ ޒުވާނުން ބާރުވެރިކޮށް، ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށް އެ ޖަމްޢިއްޔާގެ ނާއިބްރައީސް ޑރ.ޢާއިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ. 

ރަފިއްޔާ މިހެން ވިދާޅުވީ އައި.ވައި.ސީގެ ނައިބް ރައީސްގެ މަޤާމަށް އެކަމަނާ ހޮވުމާގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ. 

ރަފިއްޔާ ވިދާޅުވީ އިންޓަރނޭޝަނަލް ޔޫތް ކޮމިޓީގެ ނާއިބްރައީސްގެ ޙައިސިއްޔަތުން ރާއްޖެއާއި އޭޝިޔާސަރަހައްދުގެ ޒުވާނުން ބާރުވެރިކޮށް، ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި މިއީ ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށް އޭނާ ރާއްޖޭގައި ހިންގާ އަމިއްލަ ޖަމްޢިއްޔާ، ރީޖަނަލް އެލަޔަންސް ފޮރ ފޮސްޓެރިން ޔޫތް، ރަފީއިން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ލިބޭ ފުރުސަތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރަފީވަނީ އައި.ވައި.ސީއިން މިހާރުވެސް ރާއްޖޭގެ ދަރިވަރުންނަށް ގިނަ ފުރުސަތުތަކެއް ބައިނަލްއަޤްވާމީ މައިދާނުގައި ދެމުންދާކަން ފާހަކަކުރައްވާފައެވެ.

އައި.ވައި.ސީއަކީ ވަރަށް ފުޅާދާއިރާގައި މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއެއްކަން ފާހަގަކުރައްވަމުން ރަފިއްޔާ ވިދާޅުވީ، އައި.ވައި.ސީގެ ތެރެއިން ރާއްޖޭގެ މުސްތަޤްބަލުގެ ޒުވާން ޖީލް ހަރުދަނާކުރަން ބޮޑު މަސައްކަތްތަކެއް ކުރާނެކަމަށެވެ. މިއަންނަ އަހަރުގެ ފަހުކޮޅާހަމަޔަށް އައި.ވައި.ސީގެ ނައިބް ރައީސްގެ މަޤާމްފުރުއްވާނީ ރަފިއްޔާއެވެ. 

އިންޓަރނޭޝަނަލް ޔޫތް ކޮމިޓީ، އައި.ވައި.ސީއަކީ ބައިނަލްއަޤްވާމީގޮތުން ޒުވާނުންބާރުވެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. އިންޑިއާގައި މައި އޮފީސް ހުންނަ މިޖަމިއްޔާގައި 57 ޤައުމަކުން 300 ހާހަށްވުރެ ގިނަ މެންބަރުން ހިމެނެއެވެ. 10އަހަރުވެފައިވާ މިޖަމްޢިއްޔާއިން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރެއްގައި ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އައި.ވައި.ސީއިން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ސައުތް އޭޝިއަން ޔޫޕް ސަމިޓް، ގްލޯބަލް ޔޫތް ސަމިޓް، ވޯލްޑް ޔޫތް ސަމިޓް ފަދަ އެކިއެކި ފޯރަމްތައް ކުރިޔަށް ގެންދިއުން ހިމެނެއެވެ.