ރިޕޯޓް

ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއަށް 85 އަހަރު


ޤައުމެއްގެޙަޔާތުގައި ޤާނޫނު އަސާސީއަކީ އެޤައުމުގެ އެންމެ މުހިންމު ލިޔެކިޔުމެކެވެ. އެޤައުމެއްގެވެރިކަން ހިންގުމުގެ ނިޒާމާއި، ދުސްތޫރީ، ޤާނޫނީ، އިޖްތިމާއީ، އިޤްތިޞާދީ ނިޒާމު ބައްޓަންކުރަންޖެހޭ ގޮތުގެ އެންމެ އަސާސީ އުސޫލުތައް ކަނޑައަޅަނީ ޤާނޫނުއަސާސީންނެވެ.ދިވެހިރާއްޖޭގައި ލިޔެވިފައިވާ ޤާނޫނުއަސާސީއެއް ފުރަތަމަ އެކުލަވާލިތާ މިއަދު 85 ފުރިއްޖެއެވެ.



ދުނިޔޭގައި އެންމެ ފުރަތަމަ ޤާނޫނުއަސާސީއެއް އެކުލަވާލައި ޢަމަލުކުރަން ފަށާފައިވަނީ ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައި ވަސައްލަމަ ކަމަށް އިސްލާމީ ތާރީޚް ހެކިދެއެވެ. އެއީ އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު މަދީނާގައި ދިރިއުޅެމުންދިޔަ ރައްޔިތުންނާއެކު ވެމުނު އެއްބަސްވުމެވެ. ނަމަކީ "ޞަޙީފަތުލް މަދީނާ" އެވެ. މިއީ މީގެ 1400 އަހަރު ކުރިން ރަސޫލާގެ ބެއްލެވުމުގެ ދަށުން ކުރެވުނު މަސައްކަތެކެވެ. މިއީ ލިޔެވިފައިވާ ދުސްތޫރެއްގެ ދަށުން ޤައުމުގެ ވެރިކަމުގެ ނިޒާމު ހިންގުމުގެ ބިންގާ އެޅިގެންދިޔަ ހިސާބެވެ.

ދުނިޔޭގެ ޤައުމުތަކުގެ ވެރިކަން ހިންގުމުގެ ނިޒާމު ބިނާވެފައި އޮންނަނީ އެޤައުމެއްގެ ޤާނޫނުއަސާސީގެ މައްޗަށެވެ. ބައެއް ޤައުމުތަކުގައި ލިޔެ ފާސްކުރެވިފައިވާ ޤާނޫނުއަސާސީއެއް އޮވެއެވެ. ބައެއް ޤައުމުތަކުގެ ޤާނޫނުއަސާސީއަކީ ލިޔެވިފައި އޮންނައެއްޗެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތުގެ ތާރީޚަށް ބަލާލާއިރު މިހާތަނަށް 9 ޤާނޫނުއަސާސީއަކަށް ރާޢްޖޭގައި ޢަމަލުކޮށްފައިވެއެވެ. ސަރަޙައްދީ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ލިޔެވިފައިވާ ޤާނޫނުއަސާސީއެއް އެކުލަވާލި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލައި ޢަމަލުކުރަން ފަށާފައިވަނީ މީގެ 85 އަހަރުކުރިން 22 ޑިސެމްބަރު 1932 ގައެވެ. އެއީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައެވެ. މި ޤާނޫނުއަސާސީއަކީ މިސްރުގެ ޤާނޫނު އަސާސީ އާއި އިނގިރޭސިވިލާތުގެ ބައެއް ޤާނޫނުތައް އަސްލަކަށް ބައްލަވައި އެކުލަވާލެއްވި، 92 މާއްދާގެ މައްޗަށް އެކުލެވިގެންވާ ޤާނޫނު އަސާސީއެކެވެ.ދިވެހިރާއްޖޭގައި އެކުލަވާލެވުނު ފުރަތަމަ ޤާނޫނު އަސާސީއަކީވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ގިނަ ޙައްޤުތަކެއް ކަށަވަރުކޮށްދޭ ޤާނޫނުއަސާސީއެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި ކަށަވަރުކޮށްދެއްވާފައިވާ ޙައްޤުތަކުގެ ތެރޭގައި، ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވެގެން ވުމާއި، ގޯތިގެދޮރާއި މުދަލުގެ ޙުރުމަތްތެރިކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޒާތީ ދިރިއުޅުމަކީ ޙުރުމަތްތެރި ކުރެވިގެންވާ އެއްޗެއްކަމުގައި އެޤާނޫނުއަސާސީގައި ބަޔާންކުރައްވާފައިވެއެވެ.

މި ޤާނޫނުއަސާސީ ވުޖޫދަށް އައިސްފައިވަނީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ޢަމަލުކުރުމަށް ދިވެހިން އެހާ އަހުލުވެރި ނޫން ޒަމާނެއްގައިކަމަށް ވެފައި، ފުރަތަމަ ޤާނޫނުއަސާސީގެ ދަށުން ފާސްކުރެވުނު ގިނަ ޤާނޫނުތައް ދިވެހިންނަށް ބަލައިގަތުމަށް އުނދަގޫވެ، ޤާނޫނުއަސާސީއާމެދު ނުތަނަވަސްކަން އުފެދިގެންދިޔައެވެ. މިއާއެކު މާލޭގެ ގުޅަކުޅޭ ފަސްގަނޑަށް ބަޔަކު ނިކުމެ ޤާނޫނުއަސާސީ ވީދާލުމާއެކު ފުރަތަމަ ޤާނޫނުއަސާސީގެ ޤާނޫނީ ޙައިސިއްޔަތު ނިމުމަކަށް ގެނައެވެ. އެއީ ފުރަތަމަ ޤާނޫނުއަސާސީއަށް ޢަމަލުކުރައްވަން ފެއްޓެވިތާ 2 އަހަރެއްހާ ދުވަސްފަހުން ހިޖުރައިން 1352 ވަނައަހަރުގެ ރަޖަބު މަހުގެ 22 ވަނަ ދުވަހުއެވެ.

ފުރަތަމަ ޤާނޫނުއަސާސީގެ ނިމުން މިފަދަ ގޮތަކަށް ދިޔަ ނަމަވެސް މިއާއެކު ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ލިޔެވިފައިވާ ޤާނޫނުއަސާސީއެއް އެކުލަވާލައި ބޭނުންކުރައްވަން ފެއްޓެވުމުގެ ބިންގާ އެޅިގެންދިޔައެވެ. އަދި އެއަށްފަހު އެކި ފަހަރުމަތިން އިސްލާޙީ އެކި ބަދަލުތަކާއެކު އާ ޤާނޫނުއަސާސީތައް އެކަށައަޅައި ޢަމަލުކުރަމުން ގެންދިޔައެވެ. އެގޮތުން ދެވަނަ ޤާނޫނުއަސާސީ 1934 ވަނައަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ވުޖޫދަށް އައިއިރު، ތިން ވަނަ ޤާނޫނު އަސާސީ އެކުލަވާލައި ޢަމަލުކުރަން ފަށާފައިވަނީ 23 އެޕްރިލް 1942 ގައެވެ. އަދި ހަތަރުވަނަ ޤާނޫނުއަސާސީ 1940 ގެ އަހަރުތަކުގައި އެކުލަވާލައި އަމަލުކުރަން ފެށިއިރު، 1 ޖެނުއަރީ 1953 ވަނައަހަރު އެކުލަވާލައި ޢަމަލުކުރަން ފެށި ޤާނޫނުއަސާސީއާއެކު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމުކުރެވިގެންދިޔައެވެ.

އޭގެ އަހަރެއްހާ ދުވަސްފަހުން 7 މާރޗް 1954 ގައި 6 ވަނަ ޤާނޫނުއަސާސީ ފާސްކޮށް ޢަމަލުކުރަން ފެށިއެވެ. ދިވެހިރާއްޖޭގެ 7 ވަނަ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާފައި 15 ޖުލައި 1968ގައެވެ. މިއީ ދިވެހި ތާރީޚްގައި މިހާތަނަށް އެންމެ ގިނަ ދުވަސްވަންދެއް ޢަމަލުކުރި ޤާނޫނު އަސާސީއެވެ. 1968ގެ ޤާނޫނުއަސާސީ އިސްލާޙްކުރެއްވުމުގެ މަސައްކަތް 17 އަހަރެއްހާ ދުވަސްވަންދެން ކުރުމަށްފަހު 8ވަނަ ޤާނޫނުއަސާސީ ވުޖޫދަށް އައިސްފައިވަނީ 1 ޖެނުއަރީ 1998ގައެވެ. އެއީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.

މިހާރު ޢަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާފައިވަނީ 7 އޮގަސްޓް 2008 ގައެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތިން ބާރު ވަކިވެފައިވާ ފުރިހަމަ ދީމުޤްރާތީ ނިޒާމެއް ޤާއިމުކުރެވި ޤާނޫނުއަސާސީއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތާއި، އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނެތްކަން ކަށަވަރުކޮށްދެނީ ޤާނޫނޫއަސާސީންނެވެ. ދިވެހިންގެ އެއްބައިވަންތަމާއި، ރައްޔިތުންގެ ޙައްޤުތަކާއި، މިނިވަންކަން ކަށަވަރުކޮށްދެނީ ޤާނޫނުއަސާސީންނެވެ. އަދި ރާއްޖޭގައި ޤާއިމުވެފައި އޮންނަންވާނީ ރައްޔިތުންގެ ވެރިކަމެއް ކަމާއި، އަދި އެވެރިކަން ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައި ކަން ކަށަވަރުކޮށްދެނީ ޤާނޫނުއަސާސީންނެވެ. މިހާރު ޢަމަލުކުރެވެމުންދާ ފެހި ޤާނޫނުއަސާސީއަށް މިހާތަނަށް ރައްޔިތުންގެ މަޖިލީހުން 2 އިސްލާޙެއް ގެންނަވާފައިވެއެވެ. އިސްލާޙްތަކާއެކު ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އެކުލެވިގެންވަނީ 15 ބާބާއި ތިންސަތޭކަ ނުވަ މާއްދާގެ މައްޗަށެވެ.

ލިޔެވިފައިވާ ޤާނޫނުއަސާސީއެއް އެކުލަވާލައި ޢަމަލުކުރަން ފެށިތާ 85 އަހަރު ފުރޭއިރު، ދިވެހިން މިއަދު ދެކެމުން މިދަނީ، ކޮންމެ މީހެއްގެ އަބުރާއި، މުދަލާއި، މިލްކިއްޔާތަކީ ރައްކާތެރިކުރެވިގެންވާ އެއްޗެއްކަން ޤާނޫނުން ކަށަވަރުކޮށްދޭ ޒަމާނެކެވެ. ޤާނޫނީ ޙަޔާތުގައި 85 އަހަރު ދިވެހިން ހޯދާފައިވާ ކާމިޔާބީއަކީ ދިވެހިންގެ ފަޚުރެކެވެ. ފުރަތަމަ ޤާނޫނުއަސާސީއަށްފަހު އެކުލަވާލެވުނު ކޮންމެ ޤާނޫނުއަސާސީއެއްގައިވެސް ދިވެހި ދައުލަތުގެ މައްޗަށް ރައްޔިތުންގެ ބާރާ ނުފޫޒު އިންތިހާ ދަރަޖައަށް ލިބިދީފައި ވުމަކީ ދިވެހި ރައްޔިތުންގެ ވެރިކަމެއް ނޫނީ ރާއްޖޭގައި ޤާއިމު ނުވާނެކަމުގެ ކަށަވަރުކަން ދިވެހިންނަށް ލިބިދޭ ކަމެކެވެ.