މުނިފޫހިފިލުވުން

އެންމެމޮޅު ފިލްމަކީ ވާށޭމަށާއެކީ، އެކްޓަރުންނަކީ މަޖޫ، ޖުމައްޔިލް


8 ވަނަ ދިވެހި ފިލްމް އެވޯޑްސްގެ އެންމެ މޮޅު  އަންހެން އެކްޓަރަކަށް މަރިޔަމް މަޖުދާ އަދި އެންމެ މޮޅު ފިރިހެން އެކްޓަރަކަށް މުޙައްމަދު ޖުމައްޔިލް ނިމާލް ހޮވިއްޖެއެވެ. މި އެވޯޑް ހަފްލާގައި އެންމެ މޮޅު ފީޗަރ  ފިލްމަކަށް ހޮވިފައިވަނީ ފިލްމް "ވާށޭ މަށާ އެކީ" އެވެ.  މި އެވޯޑް ހަވާލު ކޮށްދެއްވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.

އޮލިމްޕަހުގައި ބޭއްވި 8 ވަނަ ދިވެހި  ފިލްމް އެވޯޑް ހަފްލާގައި އެންމެ މޮޅު އެކްޓަރުންނަށް ހޮވިފައިވަނީ ވާށޭ މަށާ އެކީއިން ފެނިގެން ދިޔަ  މަރިޔަމް މަޖުދާ އާއި ހަމައެފިލުމުން މުޙައްމަދު ޖުމައްޔިލް ނިމާލް އެވެ. އެންމެ މޮޅު އަންހެން އެކްޓަރެއްގެ އެވޯޑްގެ އިތުރުން މި ހަފްލާގައި މަރިޔަމް މަޖުދާއަށް ވަނީ  ގިނަ އެވޯޑް ތަކެއް ލިބިފައެވެ.   

 އެގޮތުން ފީޗާ ފިލްމްގެ ބައިން އެންމެ މޮޅު މޭކްއަޕް އާރޓިސްޓާއި،ބެސްޓް ކޮރެއަރގްރަފީ،ބެސްޓް ކޮސްޓިއުމް ޑިޒައިންގެ އެވޯރޑްސްވެސް ލިބިފައެވެ. މީގެ އިތުރުން އެންމެ މޮޅު އަންހެން "ނިއު ކަމާ" އަކަށް ހޮވިފައިވަނީވެސް  ފިލްމް ހުޅުދާން އިން ފިލްމް އިންޑަސްޓްރީން ތަޢާރަފްވި  މަރިޔަމް މަޖުދާ އަވެ. އެންމެ މޮޅު ފިރިހެން  "ނިއު ކަމާ" އަކަށް ހޮވިފައިވަނީ މުހައްމަދު ޖުމައިލް ނިމާލްއެވެ.

8 ވަނަ ދިވެހި  ފިލްމް އެވޯޑްގެ އެންމެ މޮޅު ފިލްމަކަށް ޑާރކް ރެއިން އެންޓަރޓައިމަންޓްގެ "ވާށޭ މަށާ އެކީ" ހޮވިފައިވާއިރު އެ ފިލްމަށް ވަނީ ގިނަ އެވޯޑް ތަކެއް ލިބިފައެވެ. އެގޮތުން  އެންމެ މޮޅު އާރޓް ޑައިރެކްޝަންއާއި އެންމެ މޮޅު ސައުންޑް މިކްސިންއާއި ބެސްޓް އެޑިޓިން އެވޯޑްވެސް ލިބިފައިވަނީ ފިލް "ވާށޭ މަށާ އެކީ" މި ފިލްމެގެ ޓީމްގެ މެންބަރުންނަށެވެ. އަދި ބެސްޓް ޑައިރެކްޓާރގެ އެވޯޑް ހާސިލްކޮށްފައިވަނީ ފިލް "ވާށޭ މަށާ އެކީ" ޑައިރެކްޓް ކުރި އަލީ ޝަފީއުއެވެ.

ފީޗާ ފިލްމްގެ ބައިން  އެންމެ މޮޅު ލިރިކްސްގެ އެވޯޑް ފިލްމް " ހުޅުދާންގެ" "ތަކުރަށް ބަހެއް" ލިބިފައިވެއެވެ. މި ލަވަ ކިޔާދިން  އަޙްމަދު ނާޝިދަށް ވަނީ އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް ލިބިފައެވެ.

އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑް ލިބިފައިވަނީ ފިލްމް "24 ގަޑިއިރުގެ " " ފޯރް އެވަރ އިން ލަވް "އަށެވެ. މި ލަވަ ކިޔާދިން  މަރިޔަމް އުނޫޝާއަށް ވަނީ އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާގެ އެވޯޑް ލިބިފައެވެ.

ފިލްމް "4426" އަށް އެންމެ މޮޅު ވިޝުއަލް އިފެކްޓްގެ އެވޯޑް ލިބިފައިވާއިރު  އެންމެ މޮޅު ސައުންޑް އެޑިޓިންގެ އެވޯޑް ހޯދާފައިވަނީ "މިކޮއެ ބައްޕަ ބައޭ ބައޭ' އެވެ. އެންމެ މޮޅު ބެކްރައުންޑް މިއުޒިކް " އެންމެ ފަހުވިންދާ ޖެހެންދެން " ހޯދާފައިވާއިރު  ފީޗާ ފިލްމްއިން  އެންމެ މޮޅު  ސިނަމެޓޮގްރަފީ ލިބިފައިވަނީ ފިލްމް " އަހްޝާމް" އަށެވެ. މީގެ އިތުރުން އެންމެ މޮޅު ސްކްރީން ޕްލޭ އޮރިޖިނަލް ލިބިފައިވަނީ ފިލްމް "ހުޅުދާން" އިން އައިޝަތު ފުއާދު ތައުފީޤް އެވެ.

ކުރު ފިލްމްގެ ބައިން އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވިފައިވަނީ "ފަރިހިބެ 4"ކުން މަރިޔަމް އާޒިފާ އެވެ. އަދި އެންމެ މޮޅު ފިރިހެން އެކްޓަރަކަށް ހޮވިފައިވަނީ  ފިލްމް "ކަޝްފު" އިން އިބްރާހީމް ޖިހާދެވެ. ކުރު ފިލްމްގެ ތެރެއިން އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ  ފިލްމް "ވޫޑޫ" އެވެ.

 8 ވަނަ ދިވެހި ފިލްމް އެވޯޑްސްގެ ހަފްލާގައިވަނީ މި އަހަރުގެ ސާކް ފިލްމް ފެސްޓިވަލްގަ އެންމެ މޮޅު ބަތަލާގެ މަޤާމް ހޯދީ އައިޝަތު ރީޝްމީ އަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ޚާއްސަ އެވޯޑެއް ދީފައެވެ.  

 މި ހަފްލާގައި ވަނީ ފިލްމް އިންޑަސްޓްރީއަށް ޚިދުމަތްކުރެއްވި ބޭފުޅުނަށް ދޭ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް މުސްތަފާ ހުސެއިން އަށާއި  އަސްލަމް ރަޝިދަށް ދީފައެވެ.

ފިލްމް އިންޑަސްޓްރީގައި 20 އަހަރަށް ވުރެ ގިނަ އަހަރުވަންދެން މަސައްކަތް ކުރުމަށްފަހު މިހާރު  އެ އިންޑަސްޓްރީން ރިޓަޔާރ ވެފައިވާ ނިޢުމާ މުޙައްމަދަށް ވަނީ ޚާއްސަ ޓްރިބިއުޓެއް ދީފައެވެ.

8 ވަނަ ދިވެހި ފިލްމް އެވޯޑްސްގެ ހަފްލާގައި ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް އާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑާއިގެންނެވިއެވެ.