ޚަބަރު

އިސްލާމްދީނުގައި ސާބިތުވެތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި


ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ، ސިޔާސީ ކުރިއެރުން ބިނާވެފައި އޮންނާނީ، އިސްލާމް ދީނުގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށްކަމަށާ، އިސްލާމްދީނުގައި ނުގުޑާފަދަ ވަރުގަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. 

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ. 

މި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާތީ، އެކަމާ ޙަސަދަވެރިވާ ބަޔަކު އެބަތިބިކަން ހަނދާންކުރަންޖެހޭކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވުމަށާއި، އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ބަލިކަށިކުރުވުމަށް، އެތެރެއާއި ބޭރުން މަސައްކަތްކުރަމުންދާއިރު، މިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް ހޭލާންޖެހެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް ދީގެނެއް ނުވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާތީ، އެކަމާ ޙަސަދަވެރިވާ ބަޔަކު އެބަތިބިކަން އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ. އަދި ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވުމަށާއި، އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ބަލިކަށިކުރުވުމަށް، އެތެރެއާއި ބޭރުން މަސައްކަތްކުރަމުންދާއިރު، މިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ހޭލާންޖެހެއެވެ. އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް އަޅުގަނޑުމެން ދީގެނެއް ނުވާނެއެވެ. އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންޖެހޭނީ، މާތްވެގެންވާ އިސްލާމްދީނުގައި ނުގުޑާފަދަ ވަރުގަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބުމެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި ސިޔާސީ ކުރިއެރުން ބިނާވެފައި އޮންނާނީ، އެ ދީނުގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށްކަން އަބަދުމެ ހަނދާންކުރުމެވެ." ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. 

މާތްﷲ މިރާއްޖެއަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ނިޢުމަތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ، އިސްލާމް ދީނުގެ ޢަޤީދާގައި އަދި އެ ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެއްކަން އަބަދުވެސް ހަނދާން ކުރަންޖެހޭކަމަށެވެ. 

ތާރީޚުގެ ފަތްފުއްތަކުން އެނގެން އޮތް ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.