ކުޅިވަރު

ޓޮޓެންހަމް ކޮޅަށް 4 ލަނޑު ޖަހައި ސިޓީ ހުއްޓުމެއްނެތި ކުރިއަށް!


ޓޮޓެންހަމް ކޮޅަށް ހަތަރު ލަނޑު ޖަހައިގެން ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އަނެއްކާ ވެސް ފެންވަރު ދައްކާލައިފިއެވެ.

ރޭގެ މެޗުން 4-1އިން ޓޮޓެންހަމް ބަލިވުމުން އެ ޓީމު ވަނީ 31 ޕޮއިންޓާއެކު ހަތް ވަނަ އަށް ފަހަތަށް ވެއްޓިފައެވެ. ސިޓީ އޮތީ 52 ޕޮއިންޓާއެކު އެއްވަނާގައެވެ.

މި މެޗުގައި ސިޓީގެ ހަތަރު ގޯލުގެ ތެރެއިން ފަހު ދެ ގޯލު ޖެހީ ރަހީމް ސްޓާލިންއެވެ. މެޗުގެ ފުރަތަމަ ލަނޑު އިކާއީ ގުންޑޮގަން ޖަހައިދިންއިރު ދެ ވަނަ ލަނޑު ޖެހީ ކެވިން ޑެބްރޫނާއެވެ. ޓޮޓެންހަމަށް ސުން ކަނޑުވައިދިނީ މެޗުގެ އިތުރު ވަގުތުގައި ޑެލޭ އަލީއެވެ.

މެޗަށް ފަހު ގާޑިއޯލާ ބުނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން ސިޓީ އޮތީ ވަރަށް އުފަލުން ކަމަށާއި ޓީމުގައި ތިބި ކުޅުންތެރިންނަށް ތައުރީފް ހައްޤު ކަމަށެވެ. ވަކިވަކި ކުޅުންތެރިންގެ ތެރެއިން ކެވިން ޑްބްރޫނޭ ދައްކަނީ އާދަޔާ ހިލާފުމޮޅު ކުޅުމެއް ކަމަށާއި މީގެ ސަބަބުން ކޯޗަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާ ކަމަށް ވެސް ގާޑިއޯލާ ވަނީ ބުނެފައެވެ. އޭނާ ބުނީ ސިޓީގައި ތިބި ކުޅުންތެރިން އޭނާ އަށް ހޯދައިދިނީތީވެ މެނޭޖްމަންޓަށް ޝުކުރު އަދާކުރާ ކަމަށެވެ.

މެޗަށް ފަހު ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނީ ބުނީ މިއީ ވަރަށް ބޮޑު ފިލާވަޅެއް ކަމަށެވެ. މިފަދަ މެޗުތަކުން ޓޮޓެންހަމް އިބުރަތް ލިބިގަންނަން ޖެހޭ ކަމަށާއި އަބަދު ޓީމު މޮޅުވާނަމަ ދަސްކުރަންޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ. އޭނާ ބުނީ ވަރަށް ރަނގަޅު ފޯމެއްގައި އަދި ވަރަށް ރަނގަޅު ހާލަތުގައި އޮންނަ ޓީމަކާ ދެކޮޅަށް ކުޅޭއިރު ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ސިޓީ ފަދަ މޮޅު ޓީމަކާ ދެކޮޅަށް އޭނާގެ ޓީމަށް ގޯސްތަކެއް ހެދުނު ކަމަށާއި ނަމަވެސް މިއީ މުޅިން މާޔޫސްވާންޖެހޭ ނަތީޖާއެއްނޫން ކަމަށެވެ.