ޚަބަރު

ވިލުފުށީގައި ނަލަހިޔާއިން ބިނާކުރި މިސްކިތް ހަވާލުކޮށްފި


ތ.ވިލުފުށީގައި ނަލަހިޔާގެ ފަރާތުން ޢިމާރާތްކުރި މިސްކިތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ޙަވާލުކޮށްފިއެވެ.

މި މިސްކިތް އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނަލަހިޔާ ކުންފުނީގެ ޗެއަރމަން އިބްރާހިމް ވަޙީދު ޢަލީ. މި މިސްކިތާ ސަރުކާރުގެ ފަރާތުން ޙަވާލުވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދެވެ.

ތ.ވިލުފުށީގައި ޢިމާރާތްކުރި މަސްޖިދުލް ޢުމަރް ފާރޫޤް މިސްކިތުގައި އެއްފަހަރާ ފަސްހާހަށްވުރެ ގިނަ މީހުނަށް ނަމާދުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދޭ. ލައިބްރަރީއަކާއެކު ބިނާކުރެވުނު މި ޢިމާރާތުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒެއް ހުންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒްގައި މިހާރު ކުރިއަށްދާ ކޯސްތަކާއި ޕްރޮގްރާމްތައް މި މަރުކަޒްގައި އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، މި މިސްކިތުގެ މަސައްކަތަކީ ވިލުފުޓަށް ލިބިގެންދިޔަ ޢުމްރާނީ ބޮޑު ތަރައްޤީއެއްކަމަށެވެ.

މިރަސްމިއްޔާތުގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މި މިސްކިތަކީ ވިލުފުށީގައި ޢިމާރާތްކުރެވިފައިވާ އެންމެ ބޮޑު މިސްކިތްކަމަށެވެ.

ނަލަހިޔާގެ ފަރާތުން ތ.ވިލުފުށީގައި ބިނާކުރި މިސްކިތަކީ އެކުންފުނިން ދަރުމައަށްޓަކައި ބިނާކުރި މިސްކިތެކެވެ.