ޚަބަރު

ކުޅުދުއްފުށީ ހުކުރު މިސްކިތަށް ހޮނުއަޅާ ގެއްލުންވެއްޖެ


ކުޅުދުއްފުށީ ހުކުރު މިސްކިތަށް ހޮނުއަޅާ ވަރަށް ބޮޑަށް ގެއްލުން ވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ، މިއަދު އިރުއޮއްސުނު ވަގުތު ވެހެންފެށި ބޯ ވާރެއާއެކު މޫސުން ގޯސްވެ ހޮނުއެޅުމުގެ ސަބަބުން ހުކުރު މިސްކިތަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އެނާ އިތުރަށް ވިދާޅުވީ މިރޭ މަޢްރިބު ނަމާދަށްފަހު މިސްކިތުގައި މީހުން ތިއްބާ އިވުނު އަޑުފައްގަނޑަކާއެކު މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ބައެއް ފަންކާތައް ހަލާކުވެ، ދިއްލާފައި ހުރި ބޮކިތައް ތަޅައިގެންގޮސްފައިވާ ކަމަށެވެ. މީގެ އިތުރުން ހޮނުއަޅާ މިސްކިތުގެ ކަރަންޓު ޝޯޓުވުމުގެ ސަބަބުން އެތެރޭގެ ތަށި މުށިތައް ތަޅައިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާދިސާއާއި ގުޅިގެން ރަށުގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގޮސް ބައެއް ގޭބީސީ ތަކުން ކަރަންޓު ކެނޑިފައިވާ ކުޅުއްދުއްފުށީ ކައުންސިލުން ބުނެއެވެ. ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.