ޚަބަރު

"އެލްޖީއޭގެ ނިންމުމުގެ އަސަރު ޚާރިޖީ ސިޔާސަތަކަށް ނުކުރާނެ"


ކައުންސިލްތަކުން ބޭރުގެ މަންދޫބުންނާ ބައްދަލުކުރާނަމަ ހުއްދަ ހޯދަންޖެހޭގޮތަށް ނިންމި ނިންމުމަކީ ރާއްޖޭގެ ސިޔާދަތާއި، ދާޚިލީ މިނިވަންކަން ކަށަވަރު ކުރުމަށް ނިންމި ނިންމުމެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުއްވެއްޖެއެވެ.

ކައުންސިލްތަކުން ބޭރު ޤައުމުތަކާއި ޖަމްޢިއްޔާތަކުގެ ސަފީރުންނާއި، ޑިޕްލޮމޭޓުންނާ ބައްދަލުކުރަންވާނީ އެލް.ޖީ.އޭ މެދުވެރިކޮށް ހޯމް މިނިސްޓްރީގެ ހުއްދަ ހޯދައިގެންކަމަށް އެލް.ޖީ.އޭއިން ނިންމި ނިންމުމާގުޅޭގޮތުން ޕީ.އެސް.އެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ، އަދި އެލް.ޖީ.އޭގެ ރައީސް އަޒްލީން އަޙްމަދު ވިދާޅުވީ، ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތު ކަނޑައަޅާނީ ސަރުކާރުންކަމަށެވެ. އަދި ކައުންސިލްތަކުން ވަކިން ބޭރުގެ މަންދޫބުންނާ ބައްދަލުކޮށް، މައުލޫމާތު ދިނުމަކީ ބޭރުގެ ޤައުމުތަކާއެކު ރާއްޖެއިން ދަމަހައްޓާ ގުޅުމަށް ބުރޫއަރާފާނެ ކަމެއްކަމަށެވެ.

ކައުންސިލްތަކުން ސަރުކާރުގެ ސިޔާސަތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ތަބާވާންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތުތައް ސިޔާސީ ވަކި ފިކުރަކަށް ބުރަވެތިބެ ކައުންސިލްތަކުން ރަސްމީސިފައެއްގައި، ބޭރުގެ ފަރާތްތަކާ ޙިއްޞާ ކުރުމަކީ ރާއްޖޭގެ ދާޚިލީ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އައިސްދާނެކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުތަކާ، ދާޚިލީ ސިޔާސަތުތައް ފުށުނާރާ، އެއް ހަމައަކުން އެއްގޮތަކަށް، އަޅުގަނޑުމެންގެ އެތެރޭގެ ކަންތައްތަކަށް ލޮޅުން ނާރާފަދަ ގޮތަކަށް ކަންކަން ކުރިއަށްގެންދެވޭނީ ސަރުކާރުން ކަނޑައަޅާފައި ހުންނަ އުސޫލުތަކާ މިންގަނޑުތަކުގެ ތެރެއިން ކަންކަން ކުރިއަށްގެންދިޔައީމަ" މިނިސްޓަރ ވިދާޅުވިއެވެ.

ކައުންސިލްތަކަށް އެލް.ޖީ.އޭއިން އަންގާފައިވާ އެންގުމަކީ، ވަކި ޤައުމެއްގެ ނުވަތަ ވަކި ޖަމްޢިއްޔާއެއްގެ ޑިޕްލޮމޭޓުންނަށް ޚާއްޞަކޮށްގެން އެންގި އެންގުމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކަކީ މުތުލަޤު ބާރު ލިބިގެންވާ އިދާރާތަކެއް ނޫންކަމަށާއި، ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއްކަމަށްވާތީ ކައުންސިލްތައް ހިންގާނީ ސަރުކާރުގެ ސިޔާސަތުތަކާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

"ލޯކަލް ގަވަރނެންސޭ މިކިޔާ ނިޒާމެއް އޮންނަ އޮތުމަކީ، އެއީ ސަރުކާރުން ރައްޔިތުންނަށްދެއްވާ ޚިދުމަތްތައް ގާތުން ދިނުމަށްޓަކައި ހެދިފައި އޮންނަ ފަށަލައެއް. މި ފަށަލައަކީ އެއްގޮތަކަށްވެސް ވަކި ސަރުކާރެއް ގޮތަށް ވަކި އަމިއްލަ އުސޫލުތަކެއްގަ މަސައްކަތްކުރާ ބައެއް ނޫން." މިނިސްޓަރ ވިދާޅުވިއެވެ.

ކައުންސިލްތަކުން ބޭރު ޤައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރުމުގެ ކުރިން އެލް.ޖީ.އޭ މެދުވެރިކޮށް ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭގޮތަށް ބަދަލު ގެނައުމަކީ، ބޭރުގެ އެއްވެސް ޤައުމަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ހީނަރުކަމެއް އަންނާނެ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުގެ ނުފޫޒު ފޯރުވިޔަ ނުދިނުމަށް ނިންމި ނިންމުމެއްކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވި ސަރކިއުލަރގައިވަނީ، ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ، ޔުނިޓަރީ ދަޢުލަތަކީ އެ ދަޢުލަތެއްގެ އެންމެހާ ދާޚިލީ އަދި ޚާރިޖީ ސިޔާދަތު އެއް ސަރުކާރަކުން ނުވަތަ އެއް ސިޔާސީ ބާރަކުން ތަމްސީލްކުރާ ދައުލަތެއްކަމަށެވެ. އެހެން ކަމުން ކައުންސިލްތަކުން ބޭރުގެ ފަރާތްކާއި ބައްދަލުކޮށް މުއާމަލާތު ކުރާނަމަ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބުރޫއަރާނެތީ، ކައުންސިލްތަކުން ބޭރުގެ ފަރާތްތަކާ ބައްދަލުކުރާނަމަ ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.