ކުޅިވަރު

މެޗަކުން ބަލިނުވެ މޯލްޑިވިއަން ޤައުމީ ލީގު އުފުލާލައިފި


އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް ޤައުމީ ވޮލީ ބޯޅަ ލީގު ޗެންޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބުން ހޯދައިފިއެވެ. ތިން ސެޓް އެއް ސެޓުން ސިފައިން މިމެޗްއިން ބަލިވެފައިވާއިރު، އެންމެ ފަހުން ކުޅުނު އެސޯސިއޭޝަން ކަޕްގެ ފައިނަލްގައިވެސް މިދެ ޓީމް ވާދަކޮށް މޯލްޑިވިއަންވަނީ ކުރި ހޯދާފައެވެ.

ރޭގެ މެޗުގެ ސެޓުތައް މޯލްޑިވިއަނުން ގެންދިޔައީ 25-22، 21-25، 25-22 އަދި 25-23 ހުންނެވެ. ސީލައިފް ގްލޯބަލް ޤައުމީ ވޮލީ ބޯޅަ ލީގްގެ އެންމެ ފަހު މެޗަށް މޯލްޑިވިއަން އާއި ދިވެސި ސިފައިންގެ ކުލަބް ނިކުތްއިރު، ލީގް ޗެމްޕިއަންކަން ހޯދުމަށް މޯލްޑިވިއަނަށް ބޭނުންވެފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ދިވެހި ސިފައިންގެ ކުލަބްއިން ދަށި ދިފާޢު ކުރުމަށް މެޗް ފަސް ސެޓަށް ނުގޮސް ކާމިޔާބުކުރަން ޖެހެއެވެ. ރޭ ސިފައިންގެ ކުލަބްގެ މައްޗަށް ކުރި ހޯދާ މޯލްޑިވިއަނުންވަނީ ލީގްގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ.

ޤައުމީ ވޮލީ ލީގުގެ ފިރިހެންބައިގެ ޑްރީމް ޓީމުގައި ހިމެނެނީ ސީލައިފްގެ އަލީ ހުޒާމްއާއި، މޯލްޑިވިއަންގެ އިސްމާޢީލް ސާޖިދާއި، އާދަމް ފައިރޫޒްއާއި، ހުސެއިން ވިޝާމްގެ އިތުރުން ސިފައިންގެ އަޙުމަދު އަބްދުލް ކަރީމްއާއި، އަޙުމަދު އަނިލް ނަސީރު އަދި ޤައުމީ ޓީމްގެ ލިބަރޯ މުޙައްމަދު މިމްރާހު ހުސެއިންއެވެ. 

އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޒިޔާގެ ހުސެއިން ރައްޒާނެވެ. ފެއާ ޕްލޭ ޓީމަކީ މޯލްޑިވިއަން އަދި ގައުމީ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިއަންގެ ޕާކިސްތާން ކުޅުންތެރިޔާ މުރާދު ޖީހާންއެވެ.

img:http://s2.psmnews.mv/images/660x400/15130688986657.jpg|

އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެންގެ ގުޅުމުން ހޯދިއިރު، އަންހެންބައިގެ ޑްރީމް ޓީމުގައި ހިމެނެނީ މިސްކިތްމަގު އައިމިނަތު އަރީޝާ، ހައްވާ ސަހާ، މަރިޔަމް އަޒީފާ، ފާތިމަތު ޖޫޒާން ޒަރީރު އަދި ސިލްމާ ޒާހިރުގެ އިތުރުން ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާ އަދި މޯލްޑިވިއަންގެ އައިޝަތު މާޖިދާއެވެ. ލީގުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ މޯލްޑިވިއަންގެ ޓީމްގެ އައިމިނަތު ރިޔާޝާއެވެ. 

ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިސްކިތްމަގުގެ ބިދޭސީ ކުޅުންތެރިޔާ ނިރްމަލާ އަދި އެންމެ މޮޅު ކޯޗްއަކަށް ހޮވިފައިވަނީ ޗެންޕިއަން މިސްކިތްމަގު އިސްމާއިލް ރިފާއުއެވެ. ފެއާ ޕްލޭ ޓީމަކީ ޕޮލިސް ކުލަބެވެ. ޤައުމީ ލީގަށް ފަހު މިރޭ ގައުމީ މުބާރާތުގެ ފެށުމަށްވަނީ ހަމަޖެހިފައެވެ.