ތަރައްްޤީ

ދިގުރަށުގައި އަލަށް އެޅި އިންޖީނުގެއިން ކަރަންޓް ދޭން ފަށައިފި


އދ ދިގުރަށުގައި ސްޓެލްކޯއިން އަލަށް އެޅި އިންޖީނުގެ ހުޅުވާ އެރަށަށް ކަރަންޓް ދޭން ފަށައިފިއެވެ. ދިގުރަށް މިހާރު ކަރަންޓް ދެމުން އަންނަނީ ހަތަރު ޖަނަރޭޓަރު ބަހައްޓައިގެންނެވެ. 

އދ ދިގުރަށުގައި ބޭނުންކުރަމުން އައި އިންޖީނުގެޔަކީ މީގެ 30 ވަރަކަށް އަހަރު ކުރިން އެރަށު ރައްޔިތުން އަމިއްލަ ހަރަދުގައި ހަދާފައިހުރި އިންޖީނުގެއެކެވެ. މި އިންޖީނުގެއާއި ސްޓެލްކޯއިން ހަވާލުވުމަށްފަހު، އެތަން އެހެން ސަރަހައްދަކަށް ބަދަލުކޮށް އެންމެ ފަހު ޒަމާނީ އިންޖީނުގެއެއް އެރަށުގައި އަޅާ އެތަނުން ކަރަންޓް ދޭން މި ވަނީ ފަށާފައެވެ.

ޒަމާނުންސުރެ ދިގުރަށުގައި ބޭނުންކުރަމުން އައި އިންޖީނުގެ އެހެންތަނަކަށް ބަދަލުކޮށްފައި މިވަނީ  ކުރިން އިންޖީނުގެ ހުރި ސަރަހައްދަކީ އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ވުމުން އެތަނުގެ އަޑުގަދަވުމާއި ދުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އެކިކަހަލަ އުދަގޫތަކާއި ކުރިމަތިވަމުން ދިޔުމުންނެވެ. އަދި ކުރިން އިންޖީނުގެ ހުރި ސަރަހައްދުގެ ސަބަބުން އާއްމުންނަށް އުދަގޫވާތީ ރަށަށް އެންމެ ބޭނުންވާ ވަރަށް ކަރަންޓްގެ ހިދުމަތް ނުދެވޭކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. 

ދިގުރަށުގައި އަލަށް ބޭނުންކުރަން ފެށި އިންޖީނުގެ އަކީ އެންމެ ފަހުގެ ވަސީލަތްތަކާއި އެކު އިންޖީނުގެއެއް ހިންގަން އެންމެ އެކަށީގެންވާ ގޮތަށް ޑިޒައިންކޮށްފައިވާ ތަނެއްކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ދިގުރަށު ކައުންސިލްގެ މެމްބަރު އިމްރާން އާދަމް ވިދާޅުވީ އިންޖީނުގެ އެހެންތަނަކަށް ބަދަލުކުރުމަކީ ގިނަ ދުވަސްތަކެއް ވަންދެން އެ ރަަށު ރައްޔިތުން އެދެމުން އައި ކަމެއްކަމަށެވެ. އަދި މި ބަދަލާއި އެކު އެކަމުގެ ފަސޭހަ ރައްޔިތުންގެ އިތުރުން ރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމަށްވެސް ލިބިގެންދާނެކަމަށް އިމްރާން ވިދާޅުވިއެވެ. 

ދިގުރަށު އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތުގައި ސްޓެލްކޯގެ ފަރާތުން އެރަށުގެ ހަރަކާތްތެރިވާ ޓެކްނިކަލް އިންޗާޖް މުހައްމަދު ޝާން ވިދާޅުވީ، މި އިންޖީނުގެއަކީ ސައުވީސް ގަޑި އިރުގެ ކަރަންޓްގެ ހިދުމަތް ދިނުމަށް އެންމެ އެކަށޭނެ ގޮތަށް ތައްޔާރުކޮށްފައިވާތަނެއްކަމަށެވެ. އަދި ޖަނަރޭޓަރަކަށް މައްސަލަ ޖެހުނަސް ރަށުން ކަރަންޓް ކަނޑާނުލާ މިހާރު އެކަން ރަގަޅު ކުރެވޭނެކަމަށްވެސް ޝާން ވިދާޅުވިއެވެ.

އިންޖީނުގެ ކުރިން ހުރި ސަރަހައްދުން ބަދަލުކޮށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެކު ކަރަންޓް ދޭ ފެށުމުން ދިގުރަށު ރައްޔިތުން ބުނީ އެކަމުގެ ސަބަބުން ވަރަށް ފަސޭހަތަކެއް ލިބިގެން ހިގައްޖެކަމަށެވެ. އެގޮތުން ކުރިން އަޑުގަދަކަމުން ގޭތެރޭގައި ވާހަކަ ދައްކާ އުޅުމަށް ދަތިވެގެން ދިޔަކަންވެސް ރައްޔިތުން ފާހަގަކުރިއެވެ.

ސްޓެލްކޯއިން ބުނީ، ދިގުރަށުގެ އާ އިންޖީނުގެ އިން ހިދުމަތް ދޭން ފަށާފައިވާއިރު، ކަރަންޓްގެ އާ ވިއުގައެއް ޤާއިމް ކުރެވި ކުރިން ދިމާވަމުން ދިޔަ ކަރަންޓް ކެނޑުމާއި، ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ ހައްލުވެގެންދާނެކަމަށް. ދިގުރަށުގެ އާ އިންޖީނުގޭގައި ހަތަރު ޖަނަރޭޓަރު ބަހައްޓާފައިވެއެވެ. އެއީ 360 ކިލޯ، 300 ކިލޯ، 200 ކިލޯ އަދި 170 ކިލޯ ވޯޓްގެ ޖަނަރޭޓަރުއެވެ.