ކުޅިވަރު

އަންނަ އަހަރު ޤައުމީ ޓީމަށް ބަދަލްތަކެއް އަންނާނެ - ބައްސާމް


މިއަންނަ އަހަރު ޤައުމީ ޓީމަށް ބޮޑެތި ބަދަލްތަކެއް އަންނާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ. 

ބައްސާމް މިހެން ވިދާޅުވެފައިވާއިރު މިއަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން ހޯދާފައިވަނީ ވަރަށް ދަށް ނަތިޖާތަކެކެވެ. 

ބައްސާމް ވިދާޅުވީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން މިއަހަރު ހޯދާފައިވާ ނަތީޖާތަކަކީ އެއްވެސް ބަޔަކު ގަބޫލުކުރާވަރުގެ ނަތީޖާތަކެއް ނޫންކަމަށާއި އެކަން ބަދަލް ކުރަންޖެހޭކަމަށެވެ. މިފަހަރުގެ ނަތީޖާތަކާއި ގުޅިގެން ޤައުމީ ޓީމްގެ ސެލެކްޝަނާއި ޤައުމީ ޓީމްގެ ޓެކްނިކަލް ސްޓާފުންވެސް ބަދަލް ކުރަންޖެހޭކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.

މިއަންނަ އަހަރަކީ ޤައުމީ ޓީމްއަށް ވަރަށް ބާރު ބޮޑު އަހަރެއް. އަދި އެންމެ ގިނަ ބަޔަކު އުއްމީދުކުރާ ސާފް ޗެންޕިއަންޝިޕްވެސް މިއަންނަ އަހަރު އޮންނާނެއެވެ. 

މިއަންނަ އަހަރު ސާފް ޗެންޕިއަންޝިޕަށް ދާއިރު، ޤައުމީ ޓީމްއަށް ބަދަލްތަކެއް އައިސް ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދިނުމަކީ އެފްއޭއެމްއިންވެސް ބޭނުންވާގޮތްކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

"ޤައުމީ ޓީމަށް ބަދަލްތަކެއް ގެންނަން މިހާރުވަނީ ނިންމާފައި، ސާފް ޗެމްޕިއަންޝިޕާއި ކުރިމަތިލާއިރު ބަދަލްތަކެއް އެބަ ބޭނުންވޭ، އެހެންވީމަ އެކަމަށް ތައްޔާރުވަމުން މިހާރު މިދަނީ" ބައްސާމް ވިދާޅުވިއެވެ.