ޚަބަރު

ކާނަލް ރިޓަޔާރޑް ޝައުކަތު އިބްރާހީމް އަވާހަރަވެއްޖެ


ސިފައިންގެއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ކާނަލް ރިޓަޔާރޑް ޝައުކަތު އިބްރާހީމް ( ހަބަރު ޝައުކަތު ) އަވަހާރަވެއްޖެއެވެ.

އުމުރުން 71 އަހަރުގެ ޝައުކަތު އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ކުރިންވެސް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ޝައުކަތު ރޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މޭގައި ރިއްސާތީއެވެ. 

ސިފައިންގެ ހިދުމަތުގައި 40 އަަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރެއްވި ޝައުކަތު އިބްރާހީމްވަނީ ސިފައިންގެ ޕްރައިވެޓެއްގެ މަގާމުން ފެށިގެން ހުރިހާ މަގާމެއް ފުރުއްވާފައެވެ. ސިފައިންގޭގައި ފަޔަރ ޑިޕާޓްމެންޓް ކުރިއަރުވަން ގިނަ ހިދުމަތްތަކެއް ޝައުކަތު އިބްރާހީމް ކުރައްވާފައިވެއެވެ. އަދި ސިފައިންގެ އުމްރާނީ ތަރައްޤީގައިވެސް މުހިއްމު ދައުރެއް ޝައުކަތު އަދާކުރައްވާފައިވެއެވެ. މީގެއިތުރުން ނޮވެމްބަރ ތިނެއްގައި ރާއްޖެއަށް  ދިމާވި އުދްވާނީ ހަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް ދިވެހި ސިފައިންވި ޤުރުބާނީގައިވެސް ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ހުންނަވައިގެން މުހިއްމު މަސައްކަތްތަކެއް ޝައުކަތު އަދާކުރައްވާފައިވެއެވެ. ޝައުކަތު އިބްރާހީމް ސިފައިންގެ ހިދުމަތުން ވަކިވެޑައިގެންފައިވަނީ 2003 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 16 ވަނަދުވަހުއެވެ.

ސިފައިންގެ ގޭގެ އިތުރުން ޝައުކަތު އިބްރާހީމް ފުރުއްވި މަޤާމްތަކުގެ ތެރޭގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް އިލެކްޝަންސްއާއި އިލެކްޝަން ކޮމިޝަންގެ އެގްޒެކްޓިވް ޑައިރެކްޓަރކަން ހިމެނެއެވެ.

ޝައުކަތު އިބްރާހިމް އަކީ ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އަދި މިހާރު އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އައިމިނަތު އީނާޝްގެ ބައްޕާފުޅެވެ.

ޝައުކަތުގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައިއެވެ.