ޚަބަރު

އުމަރު ނަސީރު ޖޭޕީއަށް ސޮއިކުރަނީ


ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމަވައިފިއެވެ.

އުމަރު ވިދާޅުވީ އަންނަ ހަފްތާގައި ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނެކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމެވީ އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ ތައްޔާރު ކުރުމަށް ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.

މީ އުމަރު ޖޭޕީއާއި ގުޅިވަޑައިގަތް ދެވަނަ ފަހަރެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޕްރައިމަރީގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ވާދަކުރައްވާ އުމަރު ނަސީރަށް ނާކާމިޔާބުވެޑައިގެންނެވިއެވެ. އެ ވޯޓުގެ ނަތީޖާ ޤަބޫލުނުކުރެއްވުމުން ޕީޕީއެމުން ވަނީ އުމަރު އެޕާޓީން ވަކިކޮށްފައެވެ. އަދި އޭގެ ފަހުން އުމަރު ނަސީރު ޖޭޕީއާއި ގުޅިވަޑައިގަތެވެ.

މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ޖުމްހޫރީ ޕާޓީން 2015 ގައި ވަކިވެޑައިގަތީ އެ ޕާޓީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަން ފެށުމުން ޖޭޕީގެ ބައެއް ނިންމުންތަކާއި ހިތްހަމަޖެހިވަޑައި ނުންގަންނަވާތީކަމަށް ވިދާޅުވެއެވެ. އޭރު އުމަރު ހުންނެވީ މި ސަރުކާރުގެ ހޯމް މިނިސްޓަރުކަމުގެ މަޤާމްގައެވެ.