ތަރައްްޤީ

އެމް.ޑަބްލިއު.އެސް.ސީ ގެ 15 ބުރީގެ 2 ޓަވަރު އަޅާނެ ބަޔަކު ހޯދަނީ


ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމް.ޑަބްލިއު.އެސް.ސީން އަޅާ 15 ބުރީގެ ދެ ޓަވަރު އަޅާދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

އެމް.ޑަބްލިއު.އެސް.ސީން ބުނީ މި ދެ ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސިންގެ އުސޫލުގެ ދަށުންކަމަށެވެ. އަދި މި ދެ ޓަވަރު އެޅުމަށް 12000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މި މަސައްކަތައް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ ބާރަވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށްވެސް  އެމްޑަބްލިއުއެސްސީން ބުނެއެވެ.

ހުޅުމާލޭގައި އެއްލައްކަ މީހުންނަށް ބޯހިޔާވަހިކޮން ދިނުމަށް ސަރުކާރުން ހިންގާ ހިޔާ މަޝްރޫއުގެ ދަށުން ގިނަ ކުންފުނިތަކަކުން އަންނަނީ އެ ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތައް  އަޅާދޭނެ ބަޔަކު ހޯދުމަށް އިއުލާންކުރަމުންނެވެ. މިގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީންވެސް ވަނީ 15 ބުރީގެ ދެ ޓަވަރު އަޅާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައިއެވެ. އެމްއެންޔޫއިން ބުނީ އެ ޔުނިވަރސިޓީން ދެ ޓަވަރު އެޅުމަށް ކޮންމެ ޓަވަރަކަށް އެއްހާސް އަކަފޫޓްގެ ބިމެެް ކަނޑައަޅާފައިވާކަމަށާއި މި މަސައްކަތް ކޮށްދޭނެ ބަޔަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 13 ވަނަދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. 

ހިޔާ މަޝްރޫއުގެ ދަށުން ޕޯޓްސް ލިމިޓެޑާއި ކަސްޓަމްސްއާއި އައިލޭންޑް އޭވިއޭޝަނާއި ސްޓެލްކޯގެ އިތުރު ވެމްކޯއިންވެސް ވަނީ އެކުންފުނިތަކަށް ލިބިފައިވާ ޓަވަރުތައް އަޅާދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައެވެ. 

ރާޢްޖޭގެ ތާރީހުގައިވެސް މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަންސަވީސް ބުރީގެ ފަސްދޮޅަސް ދެ ޓަވަރު އެޅުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއުގެ ދަށުން ކުންފުނިތަކުން އިމާރާތްކުރާ ޓަވަރުތަކުން އެއްބައި އާއްމުންނަށް ހާއްސަކޮށްފައިވާއިރު އަނެއް ބައި ހާއްސަކޮށްފައިވަނީ އެ ކުންފުނިތަކުގެ މުވައްޒަފުންނަށެވެ. 

ހިޔާ މަޝްރޫގެ ދަށުން އަޅާ ފްލެޓްތަކަށް އަންނަ އަހަރު މީހުން ވަންނަން ފަށާނެކަމަށާއި އެ މަޝްރޫއުގެ މަސައްކަތް 2019 އަހަރު އެއްކޮށް ނިންމާލާނެކަމަށް  ސަރުކާރުން ބުނެއެވެ.