ތަރައްްޤީ

55 ރަށެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރަނީ


ރާއްޖޭގެ 55 ރަށެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމަށް އިޓަލީގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި ސްޓޭޝަންތައް ހަރުކުރުމަށް ނިންމާފައިވަނީ މޫސުމާއި ބެހޭ އިދާރާގެ އޮފީސްތައް ނުހުންނަ ސަރަހައްދުގައިއެވެ. 

އިޓަލީގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 25 ރަށެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިޓަލީގެ ސީ.އޭ.އީ ކުންފުންޏާއެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް ވިދާޅުވީ އޮޓޮމޮޓިކް ވެދަރ ސްޓޭޝަންތަކުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ. މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ، މޫސުމާއި ބެހޭ މަޢުލޫމާތު ހޯދާ ދެނެގަތުމުގެ ޤާބިލުކަން އިތުރުކޮށް، މުޅިރާއްޖެ ހިމެނޭ ގޮތަށް "މޫސުމީ ވިއުގަ"އެއް ޤާއިމްކުރުމުގެ މަސައްކަތްވެސް މި ޕްރޮޖެކްޓްގެ ދަށުންކުރިއަށް ގެންދާނެކަމަށެވެ. 

"މި ވެދަރ ސްޓޭޝަންތައް ޤާއިމްކޮށް ނިމޭއިރު މި 55 ސްޓޭޝަން ހުންނާނީ އިންޓަރނެޓްގެ ޒަރީއްޔާއިން ގުޅާލެވިފައި. ރައްޔިތުންނަށް މީގެއިން މަޢުލޫމާތު ވަގުތުން ފޯރުކޮށްދެވޭނެގޮތަށް. އެހެންކަމުން މި 55 ސްޓޭޝަން ޤާއިމްކޮށްފައިވާ ސަރަޙައްދުތަކުގެ މޫސުމާ ބެހޭ މަޢުލޫމާތު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާނެ." މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.

އިޓަލީގެ ސީ.އޭ.އީ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އެގާރަ މިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ. މި ވެދަރ ސްޓޭޝަންތައް ހަރުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބު ނިންމާލެވޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. 

އިޓަލީގެ ސީ.އޭ.އީ ކުންފުންޏާއެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން ހއ. ހޯރަފުށި، ހއ. ކެލާ، ހދ. ކުޅުދުއްފުށި، ށ.ކަނޑިތީމު، ށ. ފުނަދޫ، ނ. މާފަރު، ފ. މަޑުއްވަރި، ޅ. އޮޅުވެލިފުށި، ބ. ތުޅާދޫ، ބ. ގޮއިދޫ، ކ.ގާފަރު، ކ. ދިއްފުށި، ކ. ގުރައިދޫ، އއ. ތޮއްޑޫ، އއ. ހިމަންދޫ، ވ.ރަކީދޫ، ފ. ނިލަންދޫ، މ.މުލި، ދ.ކުޑަހުވަދޫ، ތ. ބުރުނީ، ލ.މާވައް، ގއ. ކޮލަމާފުށި، ގއ. ގެމަނަފުށި، ގދ. ތިނަދޫ އަދި ގދ. ފަރެސްމާތޮޑާގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ބަހައްޓާނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ 19 ރަށެއްގައި މިހާރުވެސް އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމުގެ މަސައްކަތްކުރަމުންދާއިރު، 11 ރަށެއްގައި ގެ ވެދަރ ސްޓޭޝަންގައި ޚިދްމަތް ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.