ޚަބަރު

ވިއްސާރައިގައި 62 ރަށަކަށް ގެއްލުންވެފައިވޭ


ލަންކާ ސަރަހައްދުގައި އުފެދުނު ތޫފާނުގެ ސަބަބުން ރާއްޖެއަށް ކުރި ވިއްސާރާގައި 62 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަން މިހާތަނަށް ރިކޯޑްކުރެވިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

އެން.ޑީ.އެމް.ސީން ބުނީ ރަށްރަށަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކައުންސިލްތަކާއި ގުޅިގެން މިހާރުވެސް ކުރަމުން ގެންދާކަމަށެވެ. އެގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ފެންބޮޑުވެގެން 34 ރަށަކަށް ގެއްލުންވެފައިވާއިރު ވައިގަދަވެގެން 22 ރަށަކަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށެވެ. އަދި އުދައެރުމުގެ ސަބަބުން 4 ރަށަކަށް އުދަ އަރައިގެން ގެއްލުންލިބިފައިވާކަމަށް އެންޑީއެމްސީން ބުނެއެވެ.

އެންޑީއެމްސީގެ ސީނިއަރ ޕްރޮގްރާމް އޮފިސަރ ފަރޫޝާ އަލީ ވިދާޅުވީ ވިއްސާރަގައި ފެން ބޮޑުވެގެން ހިންނަވަރުން 3 ގެއަކާއި، ނައިފަރުގެ ގެއަކުން މީހުން ބަދަލުކުރަން ޖެހުނުކަމަށެވެ. ނަމަވެސް ފެން ހިނދުމާއިއެކު އެ އާއިލާތައް ގެތަކަށް ބަދަލުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިއްސާރައިގެ ސަބަބުން ބައެއް ގޭގޭގެ ހިފާގެންގުޅޭ ތަކެއްޗައް ގެއްލުން ލިބިފައިވާކަމަށްވެސް ފަރޫޝާ ވިދާޅުވިއެވެ.