ޚަބަރު

ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތައް ވިއްކުން މަޑުޖައްސާލައިފި


ގާކޮށީގައާއި ކުރީގެ އަރަބިއްޔާ ބިމުގައި އަޅާފައިވާ ފްލެޓްތައް ގަތުމަށް އެދޭ ފޯރމް ހޯދުމަށް ގިނަ ބަޔަކު ކިއު ހަދާފައިވަނިކޮށް، ފްލެޓް ވިއްކުން މަޑުޖައްސާލާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، މި 105 ފްލެޓް ގަތުމަށް އެދޭ ފޯރމް ހޯދުމަށް ގިނަ ބަޔަކު ކިއުގައި ޖެހެމުންދާތީވެ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓްގައި މިނިސްޓަރ ވިދާޅުވީ، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި އިމާރާތާއި ގާކޮށީގައި އަޅާފައިވާ ފްލެޓްތަކުގެ ތެރެއިން އެޗް.ޑީ.ސީއިން ވިއްކާލުމަށް އިޢުލާންކުރި 105 ފްލެޓް ގަތުމަށްއެދި ރައްޔިތުން ކިއު ހަދަންޖެހުމަކީ ސަރުކާރުން ޤަބޫލްކަމެއް ނޫންކަމަށެވެ. އަދި އެއަށްވުރެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށްޓަކާ މި ފްލެޓްތައް ވިއްކުން މިވަގުތަށް މަޑުޖައްސާލާފައިވާކަމަށް އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

tw:https://twitter.com/MMuizzu/status/937022372946657280

އެޗް.ޑީ.ސީއިން މި 105 ފްލެޓް ވިއްކާލުމަށް ނިންމާފައިވަނީ "ފަސްޓް ކަމް، ފަސްޓް ސާރވް"ގެ އުސޫލުން ކޮންމެ ފްލެޓެއްވެސް 2 މިލިއަން ރުފިޔާއަށް ކަމަށާއި، ފޯރމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ފްލެޓަށް ހޮވޭ ފަރާތްތަކުގެ އިތުރަށް ވެއިންޓިންގ ލިސްޓެއް ނުނަގާނެކަމަށްވެސް އެކުންފުނިން މީގެ ކުރިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވެއެވެ. ބެލެވޭ ގޮތުގައި ގިނަ ބަޔަކު ކިއުގައި ޖެހެން ފަށާފައިވަނީވެސް މި ސަބަބަށްޓަކާއެވެ.

ޓާޓާ ކުންފުނިން މާލޭގައި އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން ވިއްކާލުމަށް ނިންމާފައިވާ 105 ފްލެޓްގެ ތެރޭގައި ހިމެނެނީ ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި އިމާރާތްކޮށްފައިވާ 30 ފްލެޓާއި ގާކޮށީގައި އިމާރާތްކޮށްފައިވާ 75 ފްލެޓެވެ. މި 105 ފްލެޓް ގަތުމަށް ފޯރމްދޫކުރުމަށް ނިންމާފައިވަނީ، 1 ލައްކަ ރުފިޔާގެ ބޭންކް ގްރެންޓީއެއް ގެންނަ ފަރާތްތަކަށެވެ. އަދި މި ފްލެޓްތަކަށް އެދި ހުށައަޅާ ތަރުތީބުން އެ ފަރާތުގެ ހާޟިރުގައި ވިއްކުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން އެފަރާތަކުން ބޭނުންވާ ފްލެޓެއް އިޙްތިޔާރުކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.