ޚަބަރު

އުތުރުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލަރޓް ކެންސަލްކޮށްފި


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލަރޓް ކެންސަލްކޮށް ވައިޓް އެލަރޓެއް ނެރެފިއެވެ.

މުސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ އުތުރުން ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާ ހަމައަށް އެ އިދާރާއިން ނެރެފައިވާ ޔެލޯ އެލަރޓް ކެންސަލް ކުރުމަށްފަހު މިހާރު ވާނީ އެ ސަރަހައްދަށް ވައިޓް އެލަރޓެއް ނެރެފައިކަމަށެވެ.

މި އެލަރޓް ނެރެފައި ވަނީ މިއަދު ހެނދުނު 6:30ން ފެށިގެން މެންދުރު 12:30އާ ހަމައަށެވެ.

މީގެ އިތުރުން ށ އަތޮޅޫން ފެށިގެން ދެކުނުގެ އަތޮޅާހަމައަށް އެއްވެސް އެލަރޓެއް މިހާރު ނެރެފައި ނުވާނެކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ އުތުރުގެ އަތޮޅުތަކަށް ވައި ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ށ އަތޮޅުން ފެށިގެން އުތުރުގެ ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

އިއްޔެއާއި ރޭވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދައަރައި، ބައެއް ރަށްތަކަށް ވަނީ ގެއްލުންވެފައެވެ.