ޚަބަރު

އުތުރުގެ 3 އަތޮޅަކަށް އަނެއްކާވެސް ޔެލޯ އެލަރޓް ނެރެފި


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ޔެލޯ އެލަރޓްގެ މުއްދަތު އިތުރުކޮށް، ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފިއެވެ.

ރާއްޖޭގެ އުތުރުން ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ހަމައަށް އެ އިދާރާއިން ނެރެފައިވާ ޔެލޯ އެލަރޓްގެ މުއްދަތު އިތުރުކޮށްފައިވަނީ މިރޭ 8:15 އިން ފެށިގެން ދަންވަރު 12:15އާ ހަމައަށެވެ. މީގެ އިތުރުން މިރޭ 8:15 އިން ފެށިގެން ދަންވަރު 12:15އާ ހަމައަށް ނ. އަތޮޅުން ފެށިގެން ދެކުނުން އައްޑޫސިޓީއާއި ހަމައަށް އެ އިދާރާއިން ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރާގޮތުގައި މިރޭވެސް ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 30 މޭލާއި 35 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހިފައިވާކަމަށް ރިކޯޑްކުރެވިފައިވަނީ ލ. ކައްދޫއަށެވެ. އެއީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ދުވަހު ކައްދޫއަށް 87 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

img:http://s4.psmnews.mv/images/660x400/15121307616082.jpg|މޫސުން ގޯސްވެ، ނ.ލަންދޫއަށް އުދަ އަރާފައި / ފޮޓޯ: ޕީއެސްއެމް ނިއުސް

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ތަކުރާރުކޮށް ދަނީ އިލްތިމާސްކުރަމުންނެވެ. ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެކި ވަރުގެ ގެއްލުންތައް ލިބެމުންދާއިރު، މި ގެއްލުންތަކުން އަރައިގަތުމަށް ކަމާބެހޭ ފަރާތްތައް ގުޅިގެން މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ.

އިންޑިއާ ކަނޑުގައި އުފެދިފައިވާ "އޯޗީ" ތުފާނާ ގުޅިގެން މި 2 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހިފައިވާއިރު، މި ތޫފާން  މަޑުމަޑުން ރާއްޖެއާ ދުރަށް، އަވައްޓެރި އިންޑިއާއާ ދިމާލަށް މިހާރު ވަނީ މިސްރާބު ޖަހާފައެވެ.