ޚަބަރު

ރަށްރަށުގައި ކާބޯތަކެތި ހުރި މިންވަރު ބަލަނީ!


ރަށްރަށުގައި އާންމު ރައްޔިތުންގެ ކެއިން ބުއިމަށް ބޭނުންކުރާ ކާޑުގެ ބާވަތްތައް ހުރި މިންވަރު ދެނެގަތުމުގެ މަސައްކަތް މާދަމާ ފައްޓަވާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ މި ނިންމެވުމާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމްޝަރީފް އުމަރު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުފަތުރު ކުރުމުގައި ދަތިތައް ދިމާވެ ދަތުރުކުރުން ހުއްޓިފައިވުމާއެކު، ކާޑުގެ ބާވަތްތަކަށް ވީހާވެސް ބޮޑަށް ބަލައިގެން އުޅުން މުހިއްމުކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުރި މިންވަރު ދެނެގަތުގެ މަސައްކަތް މާދަމާ ފަށާނެކަމަށެވެ. މިކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރަށްރަށުގެ ރަށުކައުންސިލްތަކާ ގުޅިގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްރީލަންކާ ސަރަޙައްދުގައި އުފެދުނު ޠޫފާނުގެ ސަބަބުން ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައާއި ގުޅިގެން ރަށްރަށަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މޫސުން ނިސްބަތުން މިހާބޮޑަށް ގޯސްވެގެންދިޔައިރު، ހާދިސާތައް ރިޕޯޓްކުރި އަދަދަށް ބަލާއިރު ދިވެހި ރައްޔިތުން މިފަދަ ހާދިސާތަކަށް ހޭލުންތެރިވެފައިވާކަން ފާހަގަކުރެވުނުކަމަށެވެ. އަދި ސަރުކާރުން ދެއްވި އިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުން އަމަލުކުރަމުން ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ހާދިސާތައް އިތުރުނުވެ ކޮންޓްރޯލް ކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.