ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ކެބިނެޓުން ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްކަންދެއްވީ ދިވެހި މަސްވެރިންނާއި، ވިޔަފާރިވެރިންނަށް މިކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށެވެ. އެގޮތުން ޗައިނާއާއެކު ޤާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ދިވެހި މަސްވެރިން ޗައިނާއަށް އެކްސްޕޯޓްކުރާ މުދަލުން ޑިއުޓީ އެއްކޮށް ކަނޑާލުން ހިމެނޭކަމަށެވެ. މިއީ ދިވެހި މަސްވެރިންނަށް ޗައިނާ މާރކެޓަށް ވަނުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ދިވެހި ވިޔަފާރިވެރިންނާއި، ޓޫރިޒަމް ސިނާޢަތަށްވެސް ބޮޑެތި ކުރިއެރުންތަކެއް މިއެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
"މިއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކޭ، ދިވެހި ވިޔަފާރިވެރިންނަށް، ޚާއްޞަ ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކޭ އަޅުގަނޑު ދަންނަވާނީ. ދުނިޔޭގެ އެންމެ ބޮޑު މާރކެޓަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ސުން ޕަސެންޓްގަ ލިބިގެން މިދިޔައީ." މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާފައިވަނީ، ދިވެހި ސަރުކާރަށް ފައިދާވާގޮތަށްކަމަށް ސަރުކާރުން ބުނެއެވެ. އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު، ޗައިނާއިން ރާއްޖެފަދަ ކުޑަ އިޤްތިޞާދެއް އޮންނަ ޤައުމަކާއެކު މިފަދަ އެއްބަސްވުމެށް ޤާއިމުކުރުމަކީ ޗައިނާއިން ރާއްޖެއާމެދު ބަހައްޓާ ޚާއްޞަކަން ހާމަވެގެންދާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ދުނިޔޭގައި ފުރަތަމަ ފަހަރަށް ކަންނޭގެ ވަރަށް ކުޑަ ޤައުމަކާ އެއްކޮށް ދުނިޔޭގެ ބޮޑެތި ބާޒާރުތައް އަޅުގަނޑުމެން ކޮޅަށް ބުރަވާގޮތަށް، އަޅުގަނޑުމެންނަށް މީގެ ނަފާ ލިބޭގޮތަށް ފުރޮޅާލުމުގެ (އެއްބަސްވުމެއް ޤާއިމުކުރުމުގެ) ފުރުސަތު މިލިބެނީ" – މިނިސްޓަރ ސަޢީދު
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އިތުރު ޤައުމުތަކަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމުކުރުމަށް ދައުވަތުދީފައިވާކަމަށެވެ. އެގޮތުން އެމެރިކާ، ޖަޕާން، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމަށް ދައުވަތު ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޗައިނާ ފަދަ ބޮޑު ޤައުމަކާ މިކަހަލަ ވިޔަފާރީގެ އެއްބަސްވުމަކަށް ސޮއިކުރާއިރު، މިއީ ބޭރުދުނިޔޭގައި އަޅުގަނޑުމެންގެ މިހާރު މިއޮތް އިކޮނޮމީ ފުޅާވެ، އިތުރަށް ތަރައްޤީވެ އިތުރަށް މޮޑަނައިޒް ވުމަށް ލިބުނު ފުރުސަތެއް. އަދި އެހެން ޤައުމުތަކަށް އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރާއިރު ލިބޭނެ ފިލާވަޅުތަކެއްވެސް މީގަ އޮންނާނެ" ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ދަނީ ހޮންގް ކޮންގްއާއެކު މިނިވަން ވިޔަފާރިއެއް ޤާއިމުކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. އަދި އިތުރު ޤައުމުތަކާއެކު މިފަދަ އެއްބަސްވުންތައް ކައިރި މުސްތަޤްބަލެއްގައި ޤާއިމުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ. މިނިވަން ވިޔަފާރީގެ މި އެއްބަސްވުމުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު ކުރެވޭ މުދަލާއި ޚިދުމަތުގެ ވިޔަފާރިތައް ކުރުމަށް ވަރަށް ބޮޑަށް ލުއިފަސޭހަވެގެން ދާނެއެވެ. މީގެ އިތުރުން ދިވެހި މަސްވެރިންނަށާއި، މަސް އަދި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތަކަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތެރިވާ ފަރާތްތެރިވާ ފަރާތްތަކަށް ދުނިޔޭގެ އެންމެ ބޮޑު ބާޒާރުގައި ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
ދިވެހިރާއްޖެއާއި ޗައިނާއާދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ މަޝްވަރާތައް ފަށާފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. މިދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ދެޤައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމުކުރުމުގެ ވާހަކަ ދައްކާ މިކަމުގެ ރަސްމީ މަސައްކަތްތައް ފެށިއެވެ. އަދި މިކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އޭރު އިޢުލާން ކުރައްވާފައެވެ.
2011 ވަނަ އަހަރު ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިވެ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނުމާއެކު ރާއްޖެއިން ވިޔަފާރީގެ ބޭނުމަށް ބޭރުކުރާ މުދަލުން ޑިއުޓީ ނަގަން ފެށިއެވެ. މިކަން ވެގެންދިޔައީ ދިވެހި މަސްވެރިންނާއި، ރާއްޖެއިން ތަކެތި އެކްސްޕޯޓްކުރާ ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ މާރކެޓަށް ވަނުމަށް ދިމާވި ބޮޑު ގޮންޖެހުމަކަށެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން މިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ލާފާކުރެއެވެ.