ޚަބަރު

"މުހިންމުކަމެއް ނިންމުމަށް" މަޖިލީހުގެ ޖަލްސާތައް މިއަދާއި މިރޭ


"މުހިންމު ކަމެއް ނިންމުމަށް" މަޖިލީހުގެ ޖަލްސާތައް މިއަދާއި މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް މިއަދު މެންދުރު ފަހު 2:30 ގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން އެކަން އަންގާފައިވާކަމަށް ނިހާން ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވިދާޅުވީ، މިއަދު ބާއްވާ ޖަލްސާއަކީ "މުހިންމު މަސައްކަތެއް" ނިންމުމަށްޓަކައި ބާއްވާ ޖަލްސާއެއްކަމަށާއި އާ ބިލެއް ފާސްކުރުމުގެ މަސައްކަތް މިއަދު ނުކުރާނެކަމަށެވެ. އެހެންނަމަވެސް މިޖަލްސާގެ އިތުރު ތަފްސީލެއް ނިހާން ނުދެއްވައެވެ.

މީގެ އިތުރުން މިރޭ 9 ޖަހާއިރުވެސް ޖަލްސާއެއް ބާއްވާނެކަމަށާއި، މިރޭ ބޭއްވާ ޖަލްސާއާއެކު މަޖިލިސް މިއަހަރު ޗުއްޓީއަށް ދާނެކަމަށެވެ. ނިހާން ވިދާޅުވި ގޮތުގައި މަޖިލިސް ޖަލްސާ ބާއްވާ އެއް ސަބަބަކީ މަޖިލިސް ޗުއްޓީއަށް ދާކަން ރިޔާސަތުން ކުރިން އިޢުލާންކޮށްފައި ނުވުމެވެ.

މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ޑިސެމްބަރު މަހުން ފެށިގެން މަޖިލީހުގެ ތިންވަނަ ދައުރު ނިމި ޗުއްޓީއަށް ދާނެއެވެ.