ޚަބަރު

ރާއްޖެއަށް ވަދެ އުޅުނު ލަންކާގެ 2 މަސްބޯޓް އަތުލައިގަނެފި


ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ލަންކާ ދެ މަސްބޯޓް އެމްއެންޑީއެފުން އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ބުނީ މި ދެ ބޯޓް އަތުލައިގެންފައިވަނީ ވ.އަތޮޅުގެ އިރުން މަސްވެރިކަން ކުރަމުންދަނިކޮށް، އެސަރަހައްދުގައި ޕެޓްރޯލް ކުރަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދަކުންކަމަށެވެ. މިއަދު އިރުއޮއްސުނު ވަގުތު އަތުލައިގެން މި ދެ ބޯޓްގައި ޖުމްލަ ދިހަ މީހުން ތިބިކަމަށާއި މީ ދިގުމިިނުގައި 13 މީޓަރު ހުރި މި ދެ ބޯޓުކަމަށް އެމްއެންޑީއެފުން ބުނެއެވެ.  

މި ދެ މަސް ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި މި ދެ ބޯޓު ރާއްޖޭގެ އިޤްތިސާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ މައްސަލަ ތަހުޤީޤުކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. 

ރާއްޖޭގައި ސަރަހައްދުން މި މަހުގެ ކުރީކޮޅު ވަދެގެން އުޅުނު ލަންކާގެ ހަތަރު މަސްބޯޓެއް ދިވެހި މަސްވެރިންތަކެއް އަތުލައިގަނެ އެބޯޓްތައް އެމްއެންޑީއެފާއި ހަވާލުކޮށްފައިވެއެވެ. އެ ބޯޓްތަކީ ހުއްދަ ނަގައިގެން ރާއްޖޭގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ބޯޓްތަކެއް ކަމަށް ބުނެ އެމްއެންޑީއެފުން ވަނީ އެބޯޓްތައް  ދޫކޮށްލައިފައެވެ.