ޚަބަރު

ތޫފާނެއް އަންނަ އުޅޭކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި


ރާއްޖެ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން ދޮގުކޮށްފިއެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެ ހިމެނޭ ސަރަހައްދަށް ތޫފާނެއް އަންނާނެކަމަށް މޫސުމާއި ބެހޭ ސަރަހައްދީ އިދާރާއަކުން ބުނެފައިވާކަމަށް ބުނެ ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ދަނީ ހަބަރު ފަތުރަމުންނެވެ. މިވާހަކަތައް ދޮގުކުރައްވަމުން މޯލްޑިވްސް މީޓަރޮލޮޖިކަލް ސަރވިސްގެ ޑިރެކްޓަރ ޖެނަރަލް އަލީ ޝަރީފް ވިދާޅުވީ މުސުމާ ބެހޭ އެއްވެސް އިދާރާއަކުން މި ސަރަހަދަށް ތޫފާނެއްގެ އެއްވެސް އިންޒާރެއް ދީފައިނުވާކަމަށެވެ. އަދި ތޫފާނެއް އަންނާކަމަށް ބުނެ ހަވާލާދީފައިވާ އިދާރާއަކީ މިސަރަހައްދަށް އިންޒާރުދޭ ފަރާތެއް ނޫންކަމަށްވެސް އަލީ ޝަރީފު ވިދާޅުވިއެވެ. 

"އެ ވިދާޅުވާ އިދާރާއަކީ ސަރަހައްދަށް އިންޒާރުދޭ ފަރާތެއްވެސް ނޫން. އިންޑިއާގައިވެސް، އެހެންވީމަ ކަނޑައެޅިގެން ރާއްޖޭގެ ސަރަހައްދަށް އިންޒާރެއް ދީފައެއްނެތް. ޗެންނާއީގެ މެޓް އޮފީހުން ބުނި ވާހަކައެއް އެފެތުރިގެން އުޅެނީ" އަލީ ޝަރީފު ވިދާޅުވިއެވެ. 

އަލީ ޝަރީފު ވިދާޅުވީ ރާއްޖެއަށް މިހާރުކުރަމުން މިދަނީ މި ސަރަހައްދުގައި ހެދިފައިވާ ލޯ-ޕްރެޝަރ ޓްރަފްއެއްގެ ސަބަބުން ކުރާ މޫސުމީ ވިއްސާރަކަމަށެވެ. މިހާރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރަ ތޫފާނަކަށް ބަދަލުވާނަމަ އެކަން ވަނީ އިތުރު 5 ސްޓޭޖަކަށް ބަދަލުވުމަށްފަހު ކަމަށްވެސް އަލީ ޝަރީފު ވިދާޅުވިއެވެ. 

ރާއްޖެ ހިމެނޭ ސަރަހައްދާއި މުޅި ދުނިޔޭގެ މޫސުމާއިބެހޭ ކަންކަން މެޓް އޮފީހުން 24 ގަޑިއިރު މޮނިޓަރ ކުރަމުން އަންނަކަމަށާއި، ތޫފާނެއް ނުވަތަ މާބޮޑަށް ވައިގަދަވެ ވިއްސާރަކުރާނަމަ މެޓް އޮފީހުން ދުރާލާއެކަން ރައްޔިތުންނަށް އަންގަމުންދާނެކަމަށް މެޓް އޮފީހުން ބުނެއެވެ.