ޚަބަރު

ސިވިލް ސަރވިސް އިންސްޓިޓިއުޓުން 246 މުވައްޒަފުން ދަސްވެނިވެއްޖެ


ސިވިލް ސަރވިސް ޓެރެއިނިންގ އިންސްޓިޓިއުޓުން މިއަހަރު 246 ދަރިވަރުން ދަސްވެނިވެއްޖެއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައެވެ.

ޓްރެއިނިންގް އިންސްޓިޓިއުޓްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންނަކީ އަމިއްލަ ހިތްވަރާއެކު ކުރިއެރުމަށް އިސްކަންދޭ ބަޔަކަށް ވާންޖެހޭނެކަމަށެވެ. އެގޮތުން އަމިއްލައަށް ތަމްރީނުވެ، ތަޢުލީމު އުނގެނޭ ބަޔަކަށްވުމަށް ދުވާލަކު މަދުވެގެން 1 ގަޑިއިރު އެކަމުގައި ހޭދަކުރުމަށް ޑރ. ޝަމީމް އިލްތިމާސްކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/15118600759872.jpg|ސިވިލް ސަރވިސް ޓެރެއިނިންގ އިންސްޓިޓިއުޓްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޤައުމު ތަރައްޤީގެ މަގުގައި ކުރިއަރާނީ ވަރުގަދަ ސިވިލް ސަރވިސްއަކާއި އެކުގައި ކަމަށެވެ. އަދި ސިވިލް ސަރވިސް ކުރިއެރުވުމަށް ވަކި އުމުރުފުރާއަކަށް ނުބަލައި މުވައްޒަފުން ތަމްރީނުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން މިއަހަރުގެ މިހާތަނަށް 246 މުވައްޒަފުން ދަސްވެނިވެފައިވާކަމަށް އެ އެއިންސްޓިޓިއުޓުން ބުނެއެވެ. އެގޮތުން މި އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 4 ކޯހެއް ފުރިހަމަ ކުރި ފަރާތްތަކަށްވަނީ އެކަމުގެ ލިޔުން ޙަވާލުކޮށްފައެވެ. އެއީ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހާއި، ސެޓްފިކެޓް 3 އިން ޕްރޮޖެކްޓް މެނޭޖްމެންޓް ކޯހާއި، އިންގްލިސް ލޭންގްއޭޖް ޕްރޮފިސެންސީ ފޯ އެގްޒެކެޓިވްސް ކޯހާއި، ޑިޕްލޮމާއިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯހެވެ.

img:http://s2.psmnews.mv/images/660x400/15118602814570.jpg|ސިވިލް ސަރވިސް ޓެރެއިނިންގ އިންސްޓިޓިއުޓްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސެޓްފިކެޓް ފެންވަރާއި، ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގް ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސިވިލް ސަރވިސް ޓެރެއިނިންގ ޑައިރެކްޓްރީއާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ކުރިއަށްގެންދާ 6 ގަޑިއިރުގެ މެންޑޭޓަރީ ޓްރެއިނިންގ ޕްރޮގްރާމްގެ ސެލްފް ލާރނިންގް ކިޓްވަނީ އިފްތިތާޙްކޮށްފައެވެ.