ވިޔަފާރި

އެސްބީއައިއިން ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ދޭން ފަށައިފި


ޑިޖިޓަލް ބޭންކިންގެ ޚިދުމަތާއެކު ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

އެސްބީއައިގެ ހުޅުމާލޭ ބްރާންޗް ހުޅުއްވައިދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ އަޙްމަދު ނަސީރެވެ.

ރާއްޖެއަށް މުޅިންއަލަށް ޑިޖިޓަލް ބޭންކިންގްގެ ޚިދުމަތްދޭން އެސްބީއައި އިން ފަށާފައިވާއިރު މި ޚިދުމަތުގެ ސަބަބުން ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެސްބީއައިއިން ބުނެއެވެ. މި ޚިދުމަތާއެކު ޑިޖިޓަލް ސިސްޓަމްތަކުގެ އެހީގައި ވަގުތުން އެކައުންޓު ހުޅުވުމުގެ ފުރުޞަތާއެކު، ޑެބިޓް ކާޑު ވަގުތުން އަތަށް ލިބޭނެކަމަށް އެބޭންކުން ބުނެއެވެ.

މިރަސްމިއްޔާތުގައި އެސްބީއައިން ވަނީ ހުޅުމާލޭގައި އެ ބޭންކުގެ އޭޓީއެމްވެސް ހުޅުވާފައެވެ. މި އޭޓީއެމް ހުޅުއްވައިދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.އަކިލޭޝް މިޝްރާއެވެ. މި އޭޓީއެމްގެ ސަބަބުން އެސްބީއައިގެ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް އެބޭންކުން ބުނެއެވެ. އެސްބީއައި ބޭންކުން ވަނީ "އިންޓަޗް ކިއޯސްކްގެ" ނަމުގައި އާ ޚިދުމަތެއްވެސް ތަޢާރަފްކޮށްފައެވެ. މިޚިދުމަތަކީ ޒުވާނުންނަށް ޚާއްސަކޮށްގެން ފެށި ޚިދުމަތެއްކަމަށް އެސްބީއައިން ބުނެއެވެ. އެސްބީއައި ބުނީ ރާއްޖޭގެ ޒުވާނުންނަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ބައެއްކަމަށާ މި ޚިދުމަތުގެ ސަބަބުން އެފަދަ ޒުވާނުންނަށް ބޭންކިންގގެ ޚިދުމަތް ހޯދުމުގައި އިތުރު ފަސޭހަ ތަކެއް ލިބިގެންދާނެކަމަށެވެ.

މިރަސްމިއްޔާތުގައި ނޫސްވެރިންނަށް މަޢުލޫމާތުދެމުން އެސްބީއައިގެ ޗީފް ޖެނެރަލް މެނޭޖަރ ސުޖީތް ކުމާރް ވަރްމާ ވިދާޅުވީ އެސްބީއިން ރާއްޖޭގައި ދެމުންއަންނަ ޚިދުމަތްތައް ފުޅާ ވުމުގެ ސަބަބަން ދެޤައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި އެބޭންކުން އަލަށް ތަޢާރަފްކުރާ ޒަމާނީ ހުރިހާ ޚިދުމަތެއް ރާއްޖެއަށްވެސް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15116932793527.jpg|

މިރަސްމިއްޔާތުގައި އެސްބީއައިގެ ފަރާތުންވަނީ ދިވެހިރާއްޖެގައި ހުންނަ ޔޫއެންޑީޕީގެ އޮފީހަށް ފައިސާގެ އެހީއެއްވެސް ވެދީފައެވެ. ޔޫއެންޑީޕީގެ ފަރާތުން މި އެހީއާއި ޙަވާލުވީ ޔޫއެން ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޯޑާއެވެ. އެސްބީއައިއިން ހުޅުމާލޭގައި ހުޅުވި އެބޭންކްގެ ބްރާންޗު ޤާއިމްކުރީ އަމީން ކޮންސްޓަރަކްޝަނުން ޢިމާރާތްކޮށްފައިވާ ކޮމަރޝަލް ހައުސިންގ ޔުނިޓްގައެވެ.

އެސްބީއައިގެ ބްރާންޗެއް އެންމެފުރަތަމަ ރާއްޖޭގައި ހުޅުވީ 1974 ވަނަ އަހަރު މާލޭގައެވެ. އޭގެ ފަހުން އެބޭންކުގެ އިތުރު 2 ބްރާންޗް ރާއްޖޭގެ ދެ ސަރަޙައްދެއްގައި ޤާއިމް ކޮށްފައިވާއިރު ހުޅުމާލޭގައި ހުޅުވާފައިވަނީ އެސްބީއައިގެ 4 ވަނަ ބްރާންޗެވެ.