ޚަބަރު

އެމްއީސީސީގެ ލޯގޯއާއި ޔުނިފޯމް އިފްތިތާޙުކޮށްފި


ސަރުކާރުން ސްރީލަންކާގައި ހިންގާ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ ލޯގޯ އާއި ޔުނިފޯރމް އިފްތިތާޙުކޮށްފިއެވެ.

މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ، އެމްއީސީސީގެ ލޯގޯއާއި ޔުނިފޯމް އިފްތިތާޙުކޮށްދެވީ، އެސެންޓަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފްއެވެ.  

img:http://s4.psmnews.mv/images/660x400/15116058392902.jpg|އެމްއީސީސީގެ އެންމެ މޮޅު ދަރިވަރަށް އެވޯޑް ހަވާލުކޮށްދެއްވަނީ / ފޮޓޯ: އެމްބަސީ

މިރަސްމިއްޔާތުގައި، އެމްއީސީސީގެ މިއަހަރުގެ އެންމެ މޮޅު ދަރިވަރަށްވެސް ޚާއްޞަ އެވޯޑެއް ދިނުންއޮތެވެ. އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހޯދީ ގްރޭޑް 10 ގެ ފާތިމަތު ފައުޒާ ފަހީމްއާ އެވޯޑް ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް. މީގެ އިތުރުން މިއަހަރު ގްރޭޑް 10 ނިންމައި އެސްއެސްސީ އިމްތިހާން ހެދި 11 ދަރިވަރަކަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.

img:http://s1.psmnews.mv/images/660x400/15116056994413.jpg|ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: އެމްބަސީ

މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެމްއީސީސީގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދިވެހިރާއްޖެއިން ބޭރުގައި ދިވެހި ޢާއިލާތައް ދިރިއުޅުއްވަމުން ގެންދެވިޔަސް، ދިވެހި ޤައުމިއްޔަތާއި އިސްލާމް ދީން ޙިމާޔަތްކުރެއްވުމަށް މިސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށެވެ.

img:http://s1.psmnews.mv/images/660x400/15116057376022.jpg|ރަސްމިއްޔާތުގައި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ހުސައިން ޝަރީފް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: އެމްބަސީ

ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް ދެއްކެވި ވާހަކަފުޅުގައި އެމްއީސީސީއަށް ދަތިވެފައިވާ ކަންކަން ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. މިގޮތުން އަންނަ އަހަރުގެ ކިޔެވުން ފެށޭއިރު ޔޫނިފޯމް ބޭނުން ކުރަން ފެށުމާއި ޖަލްސާކުރާ ހޯލް ތަނަވަސްކޮށް ބޮޑުކުރެއްވުން ހިމެނޭކަމުގައި ސަފީރު ވިދާޅުވިއެވެ. އަދި އެމްއީސީސީގެ ކަންކަން ގާތުން ބައްލަވާ، ހުރިހާ އެހީތެރިކަމެއް ވެދެއްވާތީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސަފީރު ޚާއްސަ ޝުކުރެއް ދެންނެވިއެވެ.

img:http://s4.psmnews.mv/images/660x400/15116057612698.jpg|އެމްއީސީސީގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާލުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްބަސީ

މިރަސްމިއްޔާތުގައި އެމްއީސީސީގައި ކިޔަވާ ދަރިވަރުންގެ ސަގާފީ އައިޓަމްތަކާއި މުނިފޫހިފިލުވުމުގެ އައިޓަމްތައް ކުރިއަށްދިޔައެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ހިންގާ، މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ ނުވަތަ ސޯސަންވިލާގައި 700 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމް ހާސިމްކުރަމުންނެވެ.