ޚަބަރު

ޙަރުދަނާ ޒުވާން ޖީލެއް ބިނާކުރަން ދީނުގައި ބާއްރުއަޅުއްވާފައިވޭ!


އިސްލާމް ދީނުގައި ޒުވާނުންނަކީ ޚާއްޞަ އިސްކަމެއް ދީފައިވާ ބައެއް ކަމަށާ، ޒުވާނުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ މި ޢުއްމަތް ހެޔޮގޮތުގައި ކުރިއަށްދާނެކަމަށް އައްޝައިޚް ޢިއްޒުއްދީން ޢަދްނާން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިހަފްތާގެ ހުކުރު އުފާގެ ދަރުސްގައި ވާހަކަދައްކަވަމުންނެވެ.

ޕަބްލިކް ސަރވިސް މީޑިއާ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ހުކުރު އުފާގެ މިހަފްތާގެ ދަރުސް ދީފައިވަނީ "ވަޤުތުގެ މުހިންމުކަން"މި މަޢުޟޫއަށެވެ.

ދަރުސް ދެއްވަމުން އައްޝައިޚް ޢިއްޒުއްދީން ޢަދްނާން ވަނީ ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމަށާއި ވޭތުވާ ދުވަސްތަކުގައި ވަޤުތު ހޭދަ ކުރާ ގޮތާމެދު ވިސްނާ ފިކުރު ކުރުމަށް ގޮވާލާފައެވެ. ނަމާދު އަޅާ، ދުނިޔެވީ ކަންތައްތަކަށް ހެއްލިގެން ނޫޅުމަށާއި ހުސްވަގުތުތައް ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ ކަށްވަޅުގެ އަޒާބުން ލުއިލިބިގެންދާނެކަންވެސް ޝައިޙް ފާހަގަކުރެއްވިއެވެ.

މި ހަފްތާގެ ދަރުހުގައިވެސް ވަނީ ވަޤުތުގެ މުހިއްމުކަމުގެ މައްޗަށް ރަސޫލާގެ ޙަދީޝްތަކުން މިސާލު ޖައްސަވާފައެވެ. އެގޮތުން ޝައިޙް ވިދާޅުވީ، ކީރިތި ރަސޫލާ ވަނީ ޒުވާނުން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް ގޮވާލައްވާފައި ކަމަށާ، ދަރިން ތަރުބިއްޔަތު ކުރުމުގައި އިޙްމާލު ނުވުމަށްވެސް ރަސޫލާ މި އުންމަތަށް ގޮވާލައްވާފައިވާކަމަށެވެ.

ދުނިޔަވީ ޙަޔާތުގައި ލައްވާފައިވާ ކަންތައްތައްވެސް ބޭކާރު ގޮތުގައި ބޭނުން ނުކުރުމަށާއި، ލިބިފައިވާ ޢިލްމު ބޭކާރު ގޮތުގައި ދޫކޮށް ނުލައި، އެ ޢިލްމު އެހެން މީހުންނަށް އުނގަންނައިދިނުމަށްވެސް އައްޝައިޚް ޢިއްޒުއްދީން ޢަދްނާން އިލްތިމާސް ކުރެއްވިއެވެ.

ހުކުރު އުފާގެ މިހަފްތާގެ ދަރުސްގައި އައްޝައިޚް ޢިއްޒުއްދީން ޢަދްނާން ވިދާޅުވީ އުމުރާއި ވަގުތު ބޭކާރު ގޮތުގައި ނަގާލެވޭ ސަބަބަކީ ދިރިއުޅުމުގެ މަޤްޞަދު ކަނޑައެޅިފައި ނުވުމާއި ހަޔާތުގެ މަގްޗާޓެއް އެކު ލަވާލާފައި ނެތުމުން ކަމަށެވެ. މީގެ އިތުރުން ކުރާނެ ކަމެއް ނެތުމާއި، ނުރަނގަޅު އެކުވެރިން ޚިޔާރު ކުރުމަކީވެސް އުމުރާއި ވަގުތު ބޭކާރު ގޮތުގައި ނަގާލެވޭ ސަބަބެއްކަމަށެވެ.