ޚަބަރު

އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް: އޭދަފުއްޓާއި ތުޅާދޫ ފެށީ މޮޅަކުން


  • ގޮއިދޫ އަތުން އޭދަފުށި މޮޅުވީ 1-4 އިން

  • ފެހެންދޫ އަތުން ތުޅާދޫ މޮޅުވީ 2-3 އިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ހިންގާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުތަކުގައި، ބ. އަތޮޅުގެ މެޗުތަކުން އޭދަފުށި އަދި ތުޅާދޫ މޮޅުވެއްޖެއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގޮއިދޫއާ ދެކޮޅަށް ކުޅެ އޭދަފުށި މޮޅުވީ 1-4 އިންނެވެ. މި ދެ ޓީމު ހިމެނެނީ ބ. އަތޮޅުގެ ގްރޫޕް އޭގައެވެ.

ބ. އަތޮޅުގެ ދެ ގުރޫޕުގެވެސް ހޯސްޓު ރަށުގެ ގޮތުގައި އޮތް އޭދަފުށީގެ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ގޮއިދޫއިންނެވެ. މެޗު ފަށައިގެން އަށްވަނަ މިނެޓުގައި ގޮައިދޫއަށް ލީޑުނަގައިދިނީ ހަސަން ޝާމެވެ.

ގޮއިދޫގެ ލަނޑަށްފަހު އޭދަފުށިން ކުޅުން ރަނގަޅުކޮށް، އޭގެ 10 މިނެޓުފަހުން ވަނީ މުއާޒް އަލީގެ ލަނޑުން ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އެފަހުން ދެވަނަ ހާފު ފަށައިގެން ދެ މިނެޓުގެ ތެރޭގައި އަޙްމަދު ސުހައިލްގެ ލަނޑުން މެޗުގައި އޭދަފުށިން ފުރަތަމަ ފަހަރަށް ލީޑުނެގިއިރު ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައި މުޙައްމަދު ފާސިރު ވަނީ އޭދަފުށީގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގައި އޭދަފުށީގެ ފަހު ލަނޑު ޖަހައިދިނީ ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި އިޝާން އިބްރާޙީމެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުށީގެ ކެޕްޓަން އިޝާން އެވެ.

މި އަތޮޅުގެ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުގައި ފެހެންދޫގެ މައްޗަށް ތުޅާދޫއިން ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ.

ޙަސަން ނާއިލް ދާޢޫދު އަތުން ބައިކޮޅަށް ވަން ލަނޑުން ފެހެންދޫއިން މެޗުގެ 15 ވަނަ މިނެޓުގައި ލީޑުނެގިއިރު، ދެވަނަ ހާފުގައި ހާޔަން ހަސަން ހުސެއިން ވަނީ ތުޅާދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި އެފަހުން އާދިލް އަބްދުލް ރަޙްމާނުގެ ލަނޑުން މެޗުގައި ފުރަތަމަމަ ފަހަރަށް ތުޅާދޫއިން ލީޑުނެގިއިރު، އޭގެ މިނެޓެއްފަހުން ހަސަން ސާޖިދު ވަނީ ފެހެންދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުން ތުޅާދޫ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ އީމާން އިލްޔާސެވެ.

އެފްއޭއެން އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބ. އަތޮޅުން ޖުމްލަ ހަ ޓީމު ވާދަކުރެއެވެ. އެހެންކަމުން މި އަތޮޅުގެ ރަށްތަކުގެ މެޗުތައް ކުޅެނީ ދެ ގުރޫޕަކަށް ބަހާލައި، ކޮންމެ ގުރޫޕެއްގައި ތިން ރަށް ހިމެނޭ ގޮތަށެވެ. ގްރޫޕް އޭގައި އޭދަފުއްޓާއި ގޮއިދޫގެ އިތުރުން ދެން ހިމެނެނީ މާޅޮހެވެ. ގްރޫޕް ބީގައި ހިމެނެނީ ތުޅާދޫއާއި ފެހެންދޫގެ އިތުރުން ދޮންފަނެވެ.

މުބާރާތުގައި ކުރިއަށްވެސް ދެން އޮތީ ބ. އަތޮޅުގެ ދެ މެޗެވެ. އެގޮތުން މާދަމާ އޭދަފުށިން މާޅޮހާ ދެކޮޅަށް ކުޅޭއިރު މާދަމާރޭ ތުޅާދޫއިން ދޮންފަނާ ދެކޮޅަށްނުކުންނާނެއެވެ.

މި ގުރޫޕުތަކުގެ ފަހު މެޗު ކުޅޭނީ މި މަހު 10 ވަނަ ދުވަހުއެވެ، އަދި އެއަށްފަހު ބ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މި މަހުގެ 12ވަނަ ދުވަހު ކުޅޭއިރު، ބ، އަތޮޅުގެ ފައިނަލް މެޗު ކުޅޭނީ މި މަހުގެ 15ވަނަ ދުވަހުއެވެ.