ޚަބަރު

ޢަބްދުއްސައްތާރު މޫސާ ދީދީގެ ހަނދާނުގައި ފޮތެއް ނެރެފި


ދިވެހި ދައުލަތަށް ބައިގަރުނަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީގެ ހަނދާނުގައި "ދެވަނައެއް ނެތްފަދަ ޢަބްދުއްސައްތާރު މޫސާ ދީދީ" ގެ ނަމުގައި ދިވެހި ބަހުގެ އެކެޑަމީން ފޮތެއް ނެރެފިއެވެ. މި ފޮތް ނެރެދެއްވީ ޕީ.އެސް.އެމާއި ދިވެހި ބަހުގެ އެކެޑަމީ ގުޅިގެން، ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ. ޢަބްދުއްސައްތާރު ޔޫސުފެވެ.

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެވެރިޔާ އަލްމަރުޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީއަކީ ދިވެހި ދައުލަތަށް 51 އަހަރު ޚިދުމަތް ކުރައްވާފައިވާ ޢިއްޒަތްތެރިއެކެވެ. އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ 51 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި ދައުލަތުގެ ވަޒީރުކަމާއި، އެކި އެކި ވުޒާރާތަކުގެ އިސްމަޤާމުތައް ވަނީ ފުރުއްވާފައެވެ. އެމަނިކުފާނަކީ 1965 ވަނަ އަހަރު، ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމުގައިވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއްވެސް މެއެވެ.

އަލްމަރުޙޫމް ޢަބްދުއްސައްތާރު މޫސާ ދީދީގެ ހަދާނުގައި ދިވެހި ބަހުގެ އެކެޑަމީން ނެރުނު "ދެވަނައެއް ނެތްފަދަ ޢަބްދުއްސައްތާރު މޫސާ ދީދީ" މި ފޮތް ނެރެދެއްވީ ޑރ. ޢަބްދުއްސައްތާރު ޔޫސުފެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީ ވިދާޅުވީ، ޑރ. ޢަބްދުއްސައްތާރު މޫސާ ދީދީއަކީ އަމިއްލަ މަސްލަހަތައްވުރެ ޤައުމީ މަސްލަހަތު އިސްކުރެއްވި ކުޅަދާނަ ޒަޢީމެއްކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ތާރީޚް ދުށް އަމާނާތްތެރިކަމާއި، ހިތްފުޅުތިރިކަމުގެ ނަމޫނާއެއްކަމަށް އަޝްރަފް ވިދާޅުވިއެވެ.

"މަޑުމޮޅިކޮށް މީހަކު ވާހަކައެއް ދައްކައިފިނަމަ ހަނދާންވަނީ ޑރ. ޢަބްދުއްސައްތާރު މޫސާ ދީދީ. ހިނިތުންވުމާއެކު ޤައުމަށް އިޚްލާސްތެރި ޚިދުމަތެއް މީހަކު ކޮށްދީފިނަމަ ހަނދާންވަނީ އޮނަރަބަލް ޢަބްދުއްސައްތާރު މޫސާ ދީދީ"  ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ، ޢަބްދުއްސަތާރު މޫސާ ދީދީގެ ހަނދާންތަކަކީ ދުވަހަކުވެސް ފަނޑުވުމެއްނެތް ހަނދާންތަކެއްކަމަށެވެ. އަދި އެމަނިކުފާނު ދައުލަތުގެ ވަޒީރުކަމުގައި ހުންނެވިއިރުވެސް ރައްޔިތުންނާ ބެހެއްޓެވި ގާތްކަމާއި، ހިތްޕުޅުތިރިކަން އިކްރާމް ފާހަގަކުރެއްވިއެވެ.

މިފޮތް ނެރެދެއްވުމަށްފަހު ވާހަކަދައްކަވަމުން ޑރ. ޢަބްދުއްސައްތާރު ޔޫސުފް ވިދާޅުވީ، ޢަބްދުއްސައްތާރު މޫސާދީދީ ފަދަ ޤައުމީ ޚިދުމަތާއި، އަމިއްލަ ދިރިއުޅުމުގައި ޖީލުތަކަށް ނަމޫނާ ދެއްކެވި ބޭބޭފުޅުންގެ ހަޔާތްޕުޅުން ދިވެހިން ނަމޫނާ ލިބިގަންނަންޖެހޭކަމަށެވެ.

މި ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ލައިބްރަރީއާއި، ޤައުމީ ޔުނިވާސިޓީ، އިސްލާމީ ޔުނިވާސިޓީއަށް ވަނީ މި ފޮތް ހަދިޔާކޮށްފައެވެ. އަދި ރާއްޖޭގެ ބައެއް ކޮލެޖްތަކާއި، ސްކޫލްތަކަށް ދިވެހިބަހުގެ އެކެޑަމީން ވަނީ މި ފޮތް ހަދިޔާކޮށްފައެވެ.