ޚަބަރު

ރަޝިޔާގެ އާ ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި


ރަޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރަޝިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ތަޙުނިޔާ ވިދާޅުވެ ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރަޝިޔާއަކީ ރާއްޖެއިން ވަރަށް މުހިއްމުކަމެއް ދޭ ޤައުމެއްކަމަށާއި، މިއަހަރަކީ ރާއްޖެއާއި ރަޝިޔާއާ ދެޤައުމުގެ ދޭތެރޭގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 51 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި، ރަޝިޔާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ރަޝިޔާ އާ ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް ވަރަށް ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރަޝިޔާ ސަފީރުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ރަޝިޔާ އާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.