ޚަބަރު

ޕީ.އެސް.އެމް އާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަނީ


ޕަބްލިކް ސަރވިސް މީޑިއާއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ނިންމާ ދެ މުއައްސަސާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މިއަދު ޓެލެވިޜަން މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ޕީ.އެސް.އެމް އާއި ފުލުހުން ގުޅިގެން ފުޅާދާއިރާއެއްގައި ހުނަރާއި ޢިލްމު ހިއްސާކުރުމަށް ވެވުނު މި ފަހުމުނާމާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފެވެ. ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ.

ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ މިއީ ފުލުހުންނާއި ދައުލަތުގެ މީޑިއާއިން ދެމުން އަންނަ ދިގުމުއްދަތުގެ ތާރީޚީ ޚިދުމަތް، ދެ މުއައްސަސާ ގުޅިގެން މިހާރަށްވުރެ ފުޅާދާއިރާއެއްގައި ދިނުމަށް ވެވުނު އެއްބަސްވުމެއްކަމަށެވެ. ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދޭންފެށިފަހުން މިވީ 113 ވަރަކަށް އަހަރުގެ ތެރޭގައި ޚިދުމަތް އެންމެ ފުޅާކޮށްފައިވާ އެއް މުއައްސަސާއަކީ ފުލުހުންގެ މުއަސަސާކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ކުރިއެރުމަށް ވީ އެންމެ ބޮޑަކަށް އެހީތެރިވެދިނުމަކީ ޕީ.އެސް.އެމްއަށް ކޮށްދެވޭނެ ވަރަށް މުހިއްމުކަމެއްކަމަށެވެ. އެހެންކަމުން ޤައުމުކުރިއަރުވާ، ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ދައުލަތާއި ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތުގައި ދެމުއައްސަސާ ގުޅިގެން މި ފަހުމުނާމާގެ ދަށުން މުހިއްމު މަސައްކަތްތަކެއް ކުރެވޭނެކަމަށް އިކްރާމް ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން މިފަހުމުނާމާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ދިވެހި ފުލުހުންނަކީ ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ކޮޮންމެ ހާލަތެއްގައިވެސް ރައްކާތެރިކަން ދިނުމަށް މަސައްކަތްކުރާ ބައެއްކަމަށާއި، އެގޮތުން ރާއްޖޭގެ ކޮންމެ ދިމާލެއްގައި ފުލުހުންގެ ޚިދުމަތް ދެމުން އަންނަ އިރު މިކަމުގެ މަޢުލޫމާތު އެންމެ ސައްޙަގޮތުގައި ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދެވޭނެ ފަރާތަކީ ޕަބްލިކްސަރވިސް މީޑިއާކަމަށެވެ. 

މިއެއްބަސްވުމުގެ ދަށުން ފުލުހުންނާއި ޕަބްލިކް ސަރވިސް މީޑިޔާއަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ އަލީގައި އެކި ދާއިރާތަކުން ދެފަރާތުގެ މެދުގައި ވަސީލަތްތައް ހިއްސާކޮށް އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވެއެވެ.