ޚަބަރު

ތަޢުލީމީ ދާއިރާއަށް 500 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް


އެންމެ ހައި ސްޕީޑް އިންޓަރނެޓާއެކު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ގުޅުވާލާ ދަރިވަރުންނާއި މުދައްރިސުންނަށް ވައިފައި ލިބޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެންމެ ފަހުގެ ޒާމާނީ ޓެކްނޮލިޖީއާއި އެކު ސްކޫލްތައް ޑިޖިޓަލައިޒްކުރުމަށް ފަސްސަތޭކަ މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާށެވެ.ތައުލީމީ ދާއިރާއަށް ބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުންވަނީ 154 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. މި ބަދަލުތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލްތައް ޑިޖިޓަލައިޒްކޮށް ކުދިން ބޭނުންކުރާ ޓެކްސް ފޮތްތަކުގައި ބަދަލުގައި ގްރޭޑް އެކަކަުން ބާރައިގެ ދަރިވަރުންނަށް ޓެބްލެޓް ދިނުން ހިމެނެއެވެ. ތައުލީމީ ދައިރާއަށް ސަރުކާރުން ގެންނަ އިންޤިލާބީ ބަދަލާއި ގުޅޭ ގޮތުން ޕީއެސްއެމްގެ ބަޖެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، ތަޢުލީމީ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ 154 މިލިއަން ރުފިޔާއަކީ ތަޢުލީމީ ދާއިރާއަށް ގެނައުމަށް ނިންމާފައިވާ ބޮޑު ބަދަލުގެ އެއްބައިކަމަަށްް ޝަފީއު ވިދާޅުވިއެވެ. ޝަފީޢު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެންމެ ހައި ސްޕީޑް އިންޓަރނެޓް ޤާއިމުކޮށް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އެއް ވިއުގައަކުން ގުޅުވާލާނެކަމަށެވެ. އަދި ސްކޫލްތަކުގައި ވައިފައި ލިިބޭނެ އިންތިޒާމުތައް ހަމަޖައްސާ ދަރިވަރުންނާއި މުދައްރިސުންނަށް ދުނިޔޭގެ މަޝްހޫރު ޢިލްމީ ލައިބްރަރީތަކަށް ވަދެ،  ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނާ ޢިލްމީ ބަހުސްތައް ކުރެވޭނެކަމަށް ޝަފީއު ވިދާޅުވިއެވެ.އަޙްމަދު ޝަފީޢު ވިދާޅުވީ، އަންނަ އަހަރު ތަޢުލީމީ ދާއިރާއަށް ގެންނަ ބޮޑު ބަދަލާއެކު ކުދިންގެ ވާހަކަދެއްކުމުގެ ހުނަރާއި އެކިއެކި ބަސްތަކަށް ވަރަށް ބޮޑަށް އަހުލުވެރިވެގެންދާނެކަމަށެވެ. "ފޮތް ދަބަހުގެ ބަދަލުގައި ޒަމާނީ ތަޢުލީމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ ފުރސަތު ހުޅުވާލުމަކީ ރައީސް ޔާމީން ކިޔަވާކުދިންނަށް އަދި މުދައްރިސުންނަށްވެސް ގެނެސްދެއްވާ ވަރަށް ބޮޑު ހެޔޮ ބަދަލެއް. މި ޓެކްނޮލޮޖީއާއެކު މުދައްރިސުންނަށް ފިލާވަޅުތަކަށް ތައްޔާރުވުމަށް ފަސޭހަވެ އިތުރު ފުރުސަތުތައް ފަހިވާނެ. މިއީ ޓެބްލެޓެއްގެ އިތުރުން ކޮންމެ މުދައްރިސުންނާ ދަރިވަރުންނަށް ޢިލްމީ ލައިބްރަރީތަކަށްވަދެ ޢިލްމީ ބަހުސްތަަކުގެތެރޭގައި ދުނިޔޭޣެ އެކި ކަންކޮޅުތަކުގައި ތިބި ކުދިންނާ އެހެނިހެން އިސްޓިޓިއުޝަންތަކާ ގުޅަލެވިގެންދާނެ.  މި ދައްކަނީ ޓެކްޓް ފޮތްތަކުގައި ހުރި އެއްޗެއް ސްކްރީނުން ދައްކާވާހަކއެއްނޫން. ކުދިންގެ ޕްރޮގްރާމިންގ ލޭންގުއޭޖާ، ދުނިޔޭގެ އެކި ދިރާސާތަކުގެ އެހީގައި އެކުދިންނަށް އެންމެ ފައިދާހުރި ތަޢުލީމީ ނިޒާމުގައި ބޮޑެތި ފައިދާތަކެއް ކުރާނެ." ޝަފީޢު ވިދާޅުވިއެވެ.

ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވާ އަޙްމަދު ޝަފީޢު ވިދާޅުވީ، ތަޢުލީމީ ނިޒާމަށް ސަރުކާރުން ގެންނެވި އެންމެ ބޮޑު އެއްބަދަލަކީ މަންހަޖަށް ގެންނެވި ބަދަލުކަމަށެވެ.