ބައިނަލްއަޤްވާމީ މުޖުތަމަޢުން މިހާރު، ރާއްޖެ ބަލައިގަންނަ ވަރަށްވުރެ ބޮޑަށް ބަލައިގަތް ދުވަހެއް ދިވެހި ތާރީޚްގައިވެސް މީގެ ކުރިން ނާންނަކަމަށް އެންވަޔަރަމެންޓްމިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ރުމާލު 2 ޖަގައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެ އެކަހެރިވަމުންދާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށެވެ. ދިވެހިރާއްޖެއިން ތަރައްޤީއަށް ކުރަމުންދާ މަސައްކަތް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މިއަދަށްވުރެ ބޮޑަށް ބަލައިގަތް ދުވަހެއް ނާންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ރާއްޖެ މިސާލު ދައްކަމުން ދާކަމަށާއި، ދުނިޔޭގެ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި މިހާރު ރާއްޖެ ހިމެނޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ސަރުކާރުން ތަރައްޤީއަށް ކުރާ މަސައްކަތާމެދު ސިޔާސީ އިދިކޮޅު ފަރާތްތަކުން ހަސަދަވެރިވާތީ އެފަރާތްތަކުން ދޮގު ވާހަކަތައް ދައްކަމުންދަކަމަށެވެ. އަދި ރައްޔިތުންގެ ތާޢީދު އޮތީ ސަރުކާރަށް ކަން އެމީހުންނަށް ހާމަކޮށްދޭނެކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރ އަޙްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ސަރުކާރުން ތަރައްޤީގެ މަސައްކަތް ކުރަނީ އެއްވެސް ފަރާތަކަށް ތަފާތު ކުރުމެއް ނެތި ކަމަށާއި، މިއީ ރައީސް ޔާމީންގެ އިޚްލާސްތެރިކަން ދޭހަވާކަމެއްކަމަށެވެ.
މިޖަލްސާގައި ޕީޕީއެމްގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕީޕީއެމްގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.