ޓުއަރިޒަމް

ފަތުރުވެރިކަމުގެ ދާއިރާގެ މާކެޓިން އިތުރުޖުރަންޖެހޭ


ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ތަރައްޤީއާއި އެއްވަރަށް މިދާއިރާއިރާގެ މާކެޓިންގ ވެސް އިތުރުކުރަންޖެހޭކަމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ޟިރާރު ވިދާޅުވެއްޖެއެވެ. 

އޭނާ މިހެންވިދާޅުވީ ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ފަށާފައިވާ ފޮޓޯގްރަފީ އެމްބެސެޑާރސް ޕްރޮގްރާމުގެ ބައިވެރިން ނަގާފައިވާ ބައެއް ފޮޓޯތައް ދައްކާލުމަށް ނޭޝަނަލް އާރޓް ގެލަރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރީތިކަން ފެންނަ ފޮޓޯތަކަކީ ވަރަށް މުހިއްމު އެއްޗެއްކަމަށެވެ. ސަބަބަކީ މި ފޮޓޯތައް ބޭނުންކޮށްގެން ވަރަށް ރަނގަޅަށް ރާއްޖެ އިޝްތިހާރުކުރުމަށް މާކެޓިންގ ކެންޕެއިންތައް ކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

އެމްއެމްޕީއާރުސީ ފޮޓޯގްރަފީ އެމްބެސެޑާރސް ޕްރޮގްރާމުގައި ދިވެހި 5 ފޮޓޯގުރަފަރަކަށް ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ ދީފައެވެ. ކޮންމެ ފޮޓޯކުރަފަރަކުވެސް ވަކި ތީކަމަށް ފޮޓޯ ނެގުމަކަށް ވަނީ ހަމަޖެހިފައެވެ. މި ތީމް ތަކުގެ ތެރޭގައި ހިމެނެނީ ސްޕްރިޗުއަލް ސައިޑް އޮފް ލައިފްއާއި، މޯލްޑިވިއަން ސައިޑް އޮފް ލައިފްއާއި، އޭރިއަލް ފޮޓޯގްރަފީއެވެ. މީގެ އިތުރުން ދެން ހިމެނެނީ ތްރިލިން، ފަން، ކަލަފުލް ސައިޑް އޮފް ލައިފް އަދި ރޮމޭންޓިކް ސައިޑް އޮފް ލައިފްއެވެ. 

މި ފުރުސަތު ލިބުނު ބައެއް ފޮޓޯގުރަފަރުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ބުނީ މިފަދަ ފުރުސަތެއް އެމްއެމްޕީއާރުސީން ފަހިކޮށްދިނީތީ ވަރަށް އުފާވާކަމަށެވެ. އަދި މި ދާއިރާއަކީ ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ދާއިރާއެއްކަމަށް އެ ބައިވެރިން ފާހަގަކުރިއެވެ. 

އެމްއެމްޕީއާރުސީން ބުނީ ރާއްޖެ އިޝްތިހާރުކުރުމަށް ހޮވި 5 ފޮޓޯގުރަފަރުންގެ ފޮޓޯތައް ދައްކާލުމާށްޓަކައި އަހަރަކު 2 ފަހަރު އެގްޒިބިޝަން ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.