ޚަބަރު

މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


މިިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %9 އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން  މިިދިޔަ މަހު ރާއްޖެއަށް 127،986 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު، %9 އިތުރު އަދަދެކެވެ. ހުސްވިއަހަރުގެ އޮކްޓޯބަރުމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 117،489 ފަތުރުވެރިންނެވެ.

މިިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، ޔޫރަޕް، އޭޝިއާ ޕެސިފިކް އަދި އެމެރިކާގެ ޤައުމުތަކުންނެވެ.  ޔޫރަޕްގެ ޤައުމުތަކުން ވަނީ 62،018 ފަތުރުވެރިން ރާއްޖެއަށް  ޒިޔާރަތްކޮށްފައެވެ.

މި މުއްދަތުގެ ތެރޭގައި އޭޝިއާ ޕެޝިފިކްގެ ޤައުމުތަކުން 57،658 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެމެރިކާގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 5،008 ގައެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް ޖުމްލަ 1،125،995 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، %6 ގެ ކުރިއެރުމެކެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންކަމަށްވުމުން، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެގެންދާނޭކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިން ބުނެއެވެ.