ވިޔަފާރި

މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމް އަންނަ މަހު ބާއްވަނީ


ރާއްޖޭގެ ވިޔަފާރިއާއި އިޤްތިސާދު ފުޅާކުރުމުގެ ގޮތުން ސަރުކާރުން ބާއްވަމުން އަންނަ އިންވެސްޓްމަންޓް ފޯރަމްގެ ހަތަރުވަނަ އެޑިޝަން އަންނަ ޑިސެމްބަރމަހުގެ އަށާރަވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. މި ފޯރަމް އޮންނާނީ ޔުނައިޓަޑް އެރެބް އެމިރޭޓްސް، ޔޫއޭއީގެ ދުބާއީގައެވެ. 

މި ފޯރަމަކީ ވިޔަފާރިއާއި އިޤްތިޞާދު އިތުރަށް ފުޅާކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދުނިޔޭގެ އިންވެސްޓަރުންގެ ކޮމިއުނިޓީއާއި ޙިއްޞާކުރުމަށާއި ރާއްޖޭގެ ވިޔަފާރިވެރީންނާއި ބޭރުގެ ވިޔަފާރިވެރީންނާ ދެމެދު ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސަރުކާރުން އިންތިޒާމް ކޮށްގެންބާއްވާ އިވެންޓެކެވެ. 



މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމް ކުރިއަށްދާނީ ތިން ބަޔަކަށެވެ. އެއީރާއްޖެއާއި ދުބާއީގެ ވަޒީރުން ބައިވެރިވެވަޑައިގެން ބާއްވާ އިފްތިތާޙީ ސެޝަނާއި ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާއި މަޝްވަރާކޮށް ވިޔަފާރިތައް ތަޢާރަފްކުރުމަށް ބާއްވާ ސެޝަނާއި ގާލާ ޑިނަރއެކެވެ. 

އިންވެސްޓްމަންޓް ފޯރަމްގެ ފުރަތަމަ އެޑިޝަން ބާއްވާފައިވަނީ ސިންގަޕޫރުގައެވެ. ދެވަނަ ފޯރަމް ޗައިނާގެ ބެއިޖިންގައި ބޭއްވިއިރު، ތިންވަނަ އިންވެސްޓްމަންޓް ފޯރަމް ބާއްވާފައިވަނީ އިންޑިއާގެ ނިއުދިއްލީ ގައެވެ.