ޚަބަރު

"ރައީސް ޔާމީންގެ އަރިހުގައި ޤައުމަށް ޚިދުމަތް ކުރުމަކީ ފަޚުރެއް"


ރައީސް ޔާމީންގެ އަރިހުގައި ސާބިތުކަންމަތީ ދެމިހުންނަވާނެކަމަށާ، އެމަނިކުފާނުގެ ވެރިކަމުގައި ފާއިތުވެދިޔަ 4 އަހަރު ސަރުކާރަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން، އަދި ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، ފޮރިން މިނިސްޓަރުގެ ޙައިސިއްޔަތުން ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލު ޙިމާޔަތް ކުރުމުގައި ރައީސް ޔާމީނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމަކީ ލިބިވަޑައިގަތް ފަޚުރެއްކަމަށެވެ. އަދި މިހާރު ސިއްޙީ ދާއިރާގައި ސަރުކާރާއި ރައްޔިތުންނަށް ޚިދުމަތްކުރުންމަތީ ސާބިތުކަމާއެކު ދެމިހުންނެވިކަމަށް ދުންޔާވަނީ އެކަމަނާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވާފައިވެއެވެ. ދިވެހިރައްޔިތުންނައްޓަކައި ކުރައްވާ އުންމީދަކީ އަމާންކަމާއި، ކުރިއެރުމާއި، މިހާރަށްވުރެ ވަރުގަދަ ޑިމޮކްރަސީއެއް ޤައުމުގައި ޤާއިމުވުންކަމަށް ދުންޔާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/7708.jpg|ދުންޔާ އދ.ގެ މައި މަރުކަޒުގައި ތަޤްރީރު ކުރައްވަނީ -

ރައީސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އައްޔަންކުރެއްވި ވަޒީރުންގެ ތެރޭގައި ދުންޔާ ހިމެނިވަޑައިގަންނަވައެވެ. އަދި ޚާރިޖީ ގޮންޖެހުންތައް ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވި ދުވަސްވަރު، ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖެ ދިފާޢުކުރައްވައި ދުންޔާވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މިހާރު ހުންނެވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަޤާމުގައެވެ. އެގޮތުން މިހާރު ދުންޔާ ގެންދަވަނީ ރާއްޖޭގައި މެޑިކަލް ކޮލެޖެއް ޤާއިމުކުރުމުގެ މަސައްކަތާ ހަވާލުވެވަޑައިގެން އެމަސައްކަތް ކުރައްވަމުންނެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ސިޔާސީ ދެބަސްވުންތަކުގެ ތެރޭގައި ދުންޔާ ދެމިހުންނެވީ ރައީސް ޔާމީނާއެކުގައެވެ.