މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ޓްރެވަލް ޕާރޓްނަރަކަށް އައިލެންޑް އޭވިއޭޝަން ހަމަޖައްސައިފިއެވެ.
މިއަދު ޓީވީ ބިލްޑިންގ ގައި އޮތް ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި މޯލްޑިވިއަން އައިޑަލްގެ ޕްރޮޖެކްޓް ހެޑް އައިމިނަތު ޝާޔަން ޝާހިދެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހެޑް އޮފް ކޮމާޝަލް އައިމިނަތު ސަމީހާއެވެ.
ޕީ.އެސް.އެމާއި އައިލެންޑް އޭވިއޭޝަނާދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އައިޑަލްގެ ބޭނުންތަކަށް ވައިގެ މަގުން ކުރަންޖެހޭ ދަތުރުތައް މޯލްޑިވިއަންގައި ހިލޭ ކުރެވޭނެއެވެ. އަދި ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އައިލެންޑް އޭވިއޭޝަންގެ އިޝްތިހާރު ޕީ.އެސް.އެމްގެ ޗެނަލްތަކާއި އޮންލައިން އަދި ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގައި ހިމަނާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް ކޮމާޝަލް އައިމިނަތު ސަމީހާ ވިދާޅުވީ މޯލްޑިވިއަން އައިޑަލްގެ ޕާރޓްނަރެއްގައި ގޮތުގައި އެކުންފުނިން ބައިވެރިވާން ނިންމީ މި ޝޯއަކީ ރާއްޖޭގައި މަޤްބޫލު ޝޯއަކަށް ވެފާ ޒުވާނުންނާ ގުޅުންހުރި މިފަދަ ކަމެއްގައި ބައިވެރިވާން ބޭނުންވާތީކަމަށެވެ.
މޯލްޑިވިއަން އައިޑަލް ސީޒަން 1 އަދި 2 ގެ ވެސް ޓްރެވަލް ޕާރޓްނަރަކީ އައިލެންޑް އޭވިއޭޝަނެވެ.