ޚަބަރު

"ޤައުމުދެކެ ލޯބި ވުމަކީ އިސްލާމްދީން ބާރުއަޅާކަމެއް"


ޤައުމުދެކެ ލޯބި ވުމަކީ އިސްލާމްދީން ބާރުއަޅާކަމެއްކަމަށާ, ދަރިންގެ ހިތްތަކުގައި ދީނާއި ޤައުމިއްޔަތުގެ ލޯބި އާލާކުރަންޖެހޭކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ  ޤައުމު ޙިމާޔަތްކުރުމަށްޓަކައި، އިސްލާމްދީނާއި ދިވެހިންގެ ބަހާއި އާދަކާދައާއި ޘަޤާފަތް ދަމަހައްޓަންޖެހޭކަމަށެވެ. އަދި ދިވެހި ޤައުމަށް ލިބިފައިވާ އެންމެ ބޮޑު ޝަރަފަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީން ނިކަމެތި ކޮށްލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޤައުމުގެ ޤައުމިއްޔަތު ގެއްލުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޤައުމިއްޔަތުގެ ލޯބިހުރި ކޮންމެމީހަކުވެސް ޤައުމަށްލިބޭ ކޮންމެ ހިތާމަޔަކާއި އުފަލެއްގައި ބައިވެރިވާނެކަމަށެވެ.

މި ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން "ތަރިކަ" ކޮމެޓީގެ  ޗެއަރމަން، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުލް ރަޝީދު ޙުސައިން ވިދާޅުވީ  ޤައުމީދުވަސް ކުލަގަދަކޮށް ފާހަގަކުރުމުމުގެ މުހިއްމުކަން ޤާނޫނު އަސާސީ ބުނެދޭކަމަށެވެ. ޤާނޫނޫ އަސާސީގައި ބަޔާންކޮށްފައިވާ ހަމައެކަނި ދުވަހަކީ ޤައުމީ ދުވަސްކަން ފާހަގަކުރައްވަމުން ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވީ، ޤައުމު ޤައުމުގެ ގޮތުގައި ދެމި އޮންނާނީ ދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފައްދައިގެންކަމަށެވެ. އޭނާ ވިދާޅުވީ ދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އިތުރަށް އަށަގެންނެވުމަށް ތަޢުލީމީ ނިޒާމްގެ ތެރެއަށްވެސް ޤައުމީ ދުވަހުގެ މުހުއްމުކަމާއި، އެދުވަހުގެ ކަންތައްތައް ހިމަނައި އުނގަންނައިދޭންޖެހޭކަމަށެވެ. 

img:http://s2.psmnews.mv/images/660x400/15111220788282.jpg|ޢަބްދުއްރަޝީދު ޙުސައިން (ނޢޢވ)

ދީނާއި ޤައުމިއްޔަތު ދިރިއުވައި އާލާކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ "ތަރިކަ" މަޝްރޫއުއަކީ ސަރުކާރުން ކުރައްވަމުންގެންދާވާ ވަރަށް މުހިއްމު މަސައްކަތެއްކަން ޢަބްދުއްރަޝީދު ޙުސައިން ފާހަގަކުރެއްވިއެވެ.

ދަރިންގެ ހިތްތަކުގައި، އެކުދިން ތުއްތުއިރުއްސުރެ ޤައުމީ ލޯބި އުފެއްދުމާއި، ޤައުމިއްޔަތުގެ މުހިއްމުކަން އެކުދިންނަށް އެންގުމަށް ޢަބްދުއްރަޝީދު ޙުސައިން ގޮވައިލެއްވިއެވެ. އަދި ދީނާއި ޤައުމިއްޔަތު ދިރިވައި އާލާކުރަން ސަރުކާރުންކުރާ މަސައްކަތްތަކުގައި އެންމެން ބައިވެރިވުމަށްވެސް އޭނާ އެދެވަޑައިގެންނެވިއެވެ.