ޚަބަރު

ޤައުމުދެކެ ލޯބިވާ ބަޔަކަށް ވުމަށް ރައީސް އިލްތިމާސް ކުރައްވައިފި


ޤައުމުދެކެ ލޯބިވާ، ޤާނޫނާއި ޤަވާއިދަށް ޙުރުމަތްތެރިކޮށްހިތާ، އެކަކު އަނެކަކަށް އިޙުތިރާމުކުރާ ރައްޔިތުންތަކަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޮންމެ ޤައުމެއްގެވެސް ޤައުމީ ދުވަހަކީ، އެޤައުމެއްގެ މުވާޠިނުންގެ ހިތްތަކުގައި ގިނަގުނަ ޤައުމީ ޝުޢޫރުތަކެއް އާވެ އާލާވެގެންދާ ދުވަހެއްކަމަށާއި، މިއަދަކީ ޤައުމާމެދު، އަދި ޤައުމުގެ ކުރިމަގާމެދު އާ އުންމީދުތަކެއް ކުރަންޖެހޭ ދުވަހެއްކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިންގެ ދީނާއި ޤައުމިއްޔަތުގެ ދިފާޢުގައި، ބޭރުގެ އިސްތިޢުމާރީ ބާރުތަކާ ބޮޑުތަކުރުފާނު ކުރިމަތިލައްވައި، ހޯއްދެވި ނަޞްރާއި ކާމިޔާބީއަކީ، ދިވެހިންގެ ޤައުމިއްޔަތުގެ ބިންގާ އެޅިގެންދިޔަ ނަޞްރަކާއި ކާމިޔާބީއެއްކަމަށާއި، މި ދުވަހަކީ ޤައުމާމެދު ދިވެހި ދަރީންގެ ހިތްތަކުގައި ކުލުނާއި ލޯބި އުފެދިފައި އޮތް މިންވަރު ބަޔާންކޮށްދިން ޢިބްރަތްތެރި ހާދިސާއެއް ހިނގައިދިޔަ ދުވަހެއްކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސްގެ ޚިޠާބުގައި، މިއަދުގެ ޢަޒުމަކީ، ދިވެހިޤައުމު މިހާރު ދެކެމުންމިދާ ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތުގައި ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުންކަމަށާއި، މާޒީގައި ޤައުމަށް ކުރިމަތިވެގެން ގޮސްފައިވާ ހިތާމައާއި ހިތްދަތިކަމުން ފުރިގެންވީ ދުވަސްތައް، އަލުން މި ދިވެހިޤައުމަށް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރުންކަމުގައި ވިދާޅުވެފައިވެއެވެ.