ޚަބަރު

"ސިވިލް ސަރވަންޓުންގެ އަގު ރައީސް ޔާމީން ވަޒަންކުރޭ"


ސިވިލް ސާރވަންޓުންނަކީ ތިބި ބައެއްކަން އަންގައިދިން ހަމައެކަނި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ ގޮތުން ކާނިވާ ސަރަޙައްދުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަތައް އުނިކޮށް، އެ މުވައްޒަފުންގެ މުސާރަ ނުދީ ހިފެހެއްޓީ ކޮން ވެރިކަމެއްގައިކަން ދިވެހި ރައްޔިތުންގެ ހިތްތަކުން ދުވަހަކުވެސް ނުދާނެ ކަމަށެވެ. ނަމަވެސް ރައީސް ޢަބްދުﷲ ޔާމީނަކީ އޯގާތެރި، ރައްޔިތުންގެ ދެކެ ލޯބިވާ ވެރިއެއްކަން ހަމައެކަނި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުން އެކަނިވެސް ހާމަވެއްޖެ ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

"މިއަދު އިދިކޮޅު މީހުން ދައްކާ އެއްވެސް ވާހަކައެއް ދެކޮޅެއް ނުޖެހޭ. ދެކޮޅު ނުޖެހޭ ސަބަބުވެސް ދަންނަވާފާނަން. ވެގެން މިއުޅޭ ގޮތަކީ އިދިކޮޅު މީހުންގެ އުއްމީދުގެ ހުޅުކޮޅު ނިވޭތީ ދެކޮޅު ނުޖެހޭ ވާހަކަތައް މި ދައްކަނީ. އަމާން ކަމާއި ހަމަޖެހުން ގެނެވޭނީ ރައްޔިތުންނާ ސަރުކާރާ ޖައްސައިގެނެއް ނޫން، ބޭރު ޤައުމުތަކުގައި ރާއްޖެ ބަދުނާމް ކޮށްގެނެއް ނޫން،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓިއްޖެކަމަށްބުނެ އިދިކޮޅު މީހުން ވާހަކަ ދައްކަމުން ދާތީ ޢަބްދުއްރަޙީމް ވަނީ ކުރީގެ ސަރުކާރުތަކަށް އަދި ވަކިން ޚާއްސަކޮށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ޢަބްދުއްރަޙީމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރާއްޖެއިން ބޭރަށް ގޮސް، ލޯނެއް ހޯދުމަށް ވަރަށް މަސައްކަތްކުރި ކަމަށާ، އެ ލޯނު ހޯދުމަށް ސަރުކާރުން އޭރު ދިޔަ ވަފްދުގެ ބޭފުޅުންނަށް ބޭންކުތަކުން ދިން ޖަވާބު އެނގޭ މީހުން އަދިވެސް އެބަތިބި ކަމަށެވެ. އަދި އެ ވާހަކަތައް ދިވެހި ރައްޔިތުންނަށް އެނގިއްޖެ ނަމަ ދިވެހިން ލަދު ގަންނާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ޤައުމަށް ޚިޔާނާތްތެރިވާ މީހުންނަކީ ހަމައެކަނި ދަޢުލަތުގެ ޚަޒާނާއިން ވައްކަން ކުރާ މީހުންނެއް ނޫން. ޤައުމަށް ޚިޔާނާތްތެރިވުމަށް ކިޔާނެ ބޭރު ޤައުމަށް ގޮސް، ރާއްޖެ ބަދުނާމް ކުރުމުގެ މަސައްކަތްކޮށް، އުފެދިފައިވާ ޤާނޫނީ ސަރުކާރާ ދެކޮޅަށް ތެދުވާ މީހުންނަށްވެސް،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާ ކަންކަން، އަންނަން އޮތް ޖީލުވެސް ބަލައިގަންނާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ނަން ލިޔާނީ ރަން އަކުރުން ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.