ޚަބަރު

ފުލުހުންގެ ފުރަތަމަ ޒިންމާއަކީ ރައްޔިތުންނަށް ޚިދުމަތްކުރުން


ކޮންމެ މުވައްޒަފެއްގެވެސް އެންމެ ފުރަތަމަ ޒިންމާއަކަށް ވާންވީ ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުން ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް މިހެން ވިދާޅުވީ ފުލުހުންގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ ގޮތުން މިހާރު ކުރިއަށް ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހެނދުނު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކޮންފަރެންސް ހޯލުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރަކީ ފުލުހުންގެ މުއައްސަސާގެ މޫނިމަތިކަން ފާހަގަކުރައްވައި، ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރު މިހާރަށް ވުރެ ކުރިއަރުވައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކަށް ހެދުމުގެ ގޮތުން މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދީ ވަސީލަތްތަކުގެ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ފާއިތުވި ދުވަސްތަކުގައި ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15108456502347.jpg|ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވަނީ / ފޮޓޯ: ޕޮލިސް މީޑިއާ

ހަމައެއާއެކު ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރަށް ރައްޔިތަކު ގުޅާނީ ކަމަކާ ކަންބޮޑުވެގެންކަމަށާއި އެރައްޔިތަކަށް ހިތްހިޔޮކަމާއި، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދީ އެކަމަކަމަށް ޙައްލެ ހޯދައިނުމަށް ކޮންމެ މުވައްޒަަފަކުވެސް އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކޮންމެ މުވައްޒަފެއްގެވެސް އެންމެ ފުރަތަމަ ޒިންމާއަކަށް ވާންވީ ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުންކަން ފާހަގަކުރައްވައި، މަސައްކަތުގެ މާހައުލުގައި ދިމާވާ ދަތިތަކާއި ކުރަމުންދާ މަސައްކަތްތައް ކުރިއަރުވައި ތަރައްޤީކުރުމުގެ ވިސްނުން ކޮންމެ މުވައްޒަފެއްގެ ކިބައިގައި ހުރުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. މީގެއިތުރުން  ކޮންމެ މުވައްޒަފަކުވެސް ގުޅިގެން އެކަކު އަނެކަށް އެހީތެރިކަން ފޯރުކޮށްދީ އަޅާލައި، ޒިންމާދާރުކަމާއި އިޚްލާސްތެރިކަން މަސައްކަތުގައި ދެއްކުމަކީ މުހިންމުކަމެއްކަމަށާއި ކޮންމެ މުވައްޒަފަކުވެސް ދީނީ ކަންކަމަށް ސަމާލުކަންދީ ހެދިފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެދިލެއްވިއެވެ.

ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމުގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވަނީ ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި އެސެންޓަރުގައި ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި މުވައްޒަފުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ވަނީ މުވައްޒަފުންނަށް މަސައްކަތުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އާއި ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރުގެ ވެރިންނާއި ޑިއުޓީ އޮފިސަރުން އަދި އެސެންޓަރުގައި މަސައްކަތްކުރައްވާ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.