ސަދަޤާތު ފައުންޑޭޝަނުން ބާއްވަމުން އަންނަ ޚިތާނީ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު މާދަމާރޭ ހުޅުވާލާނެކަމަށް އެފައުނޑޭޝަނުން ހާމަކޮށްފިއެވެ.
ޚިތާނީ ފެސްޓިވަލް 2017 ގެ ނަމުގައި ބާއްވާ މި ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ ފަނަރަ ވަނަ ދުވަހު ހުޅުމާލޭ ރެހެންދި ސްކޫލްގައެވެ. މި ފެސްޓިވަލްގައި ކުދިން ޚިތާނުކުރުމަށް ބޭނުންވާ ފަރާތްތަކުން، އެފް.އޭ.އެމް ހައުސްގައި ހުންނަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އޮފީހަށް ފޯމް ހުށައެޅުމަށް ސަދަޤާތް ފައުންޑޭޝަނުން އެދެއެވެ.
މިކަމާގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، އެއޮފީހުގެ ފަރާތުން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، މާދަމާރެއިން ފެށިގެން މިމަހުގެ 25ގެ ނިޔަލަށް ފޯމް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އޭނާ ވިދާޅުވީ، ފެސްޓިވަލްގައި ފުރުސަތު ދެވޭނީ 140 ކުދިންނަށްކަމަށާއި، އެންމެ ފުރަތަމަ ފޯމް ހުށައަޅާ މީހުންނަށް އިސްކަން ދެނެކަމަށެވެ.
މިފަހަރުގެ ޚިތާނީ ފެސްޓިވަލްގައި ޚިތާނުކުރާ ކުދިންގެ ގާތަށްވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދެކަނބަލުން ޒިޔާރަތްކުރައްވާނެކަމަށާއި، އަދި ކުދިންނަށް ތަފާތު ހަދިޔާތަށް ލިބޭނެކަމަށް ސަދަޤާތު ފައުންޑޭޝަނުން ބުނެއެވެ. މިފެސްޓިވަލް ކުރިއަށްދާނީ ޑިސެމްބަރު ފަނަރައިން ފެށިގެން ހަފްތާއެއްހާ ދުވަހުގެ މުއްދަތަށެވެ.