އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގެ މައުލޫމާތު ފާސޭހަކަމާއި އެކު ބަލާލެވޭ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ. މޯބައިލް މި އެޕލްިކޭޝަނާއި އެކު ފިނޭންސް މިނިސްޓްރީން ވަނީ އަންނަ އަހަރުގެ ބަޖެޓްގެ މައުލޫމާތުތައް ހިމެނޭ ލުއި ފޮތެއްވެސް ނެރެފައެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަޖެޓް ލުއިފޮތާއި ބަޖެޓް އެޕްލިކޭޝަން ތަޢާރަފްކޮށްދެއްވީ 1982ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާހަމައަށް ބަޖެޓް ތައްްޔާރުކުރުމުގައި އެމިނިސްޓްރީން އެންމެ އިސްކޮށް އުޅުއްވި އިބްރާހިމް ރަޝީދެވެ. އިބްރާހިމް ރަޝީދު ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މިރަސްމިއްޔާތުގައި އޭނާއަށްވަނީ ހަނދާނީ ފިލައެއް ދީފައެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙުމަދު މުނައްވަރު ވިދާޅުވީ، ބަޖެޓްގައިވާ މަޢުލޫމާތު ރައްޔިތުންނަށް ދިރާސާ ކުރެވޭނެގޮތަށް މަޢުލޫމާތު ފޯރުކޮށްދިނުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ. ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ކޮންމެ މަހަކު އެއްފަހަރު ބަޖެޓާބެހޭ މަޢުލޫމާތު ހިއްސާ ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ މިނިސްޓަރ މުނައްވަރު ވިދާޅުވީ، ވެބްސައިޓްގައި ޝާއިރު ކުރުމުގެ އިތުރަށް މި އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު ބަޖެޓާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހިމެނޭ ފޮތެއް ޝާއިރު ކުރައްވާނެކަމަށެވެ. މީގެއިތުރުން ބަޖެޓާބެހޭ މަޢުލޫމާތު ރަނގަޅަށް ދިރާސާކޮށް ޞައްޚަ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މީޑިއާތަކަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
"މިޒަމާނަކީ ވަރަށްގިނަ އެޕްލިކޭޝަންތަކެއް މިގޮތަށްހުރެ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން މަޢުލޫމާތު ބަލާލެވި މަޝްވަރާކުރެވި އެމަޢުލޫމާތުތަކަކީ ޞައްޚަ މައުލޫމާތުތަކެއްތޯ ޔަޤީންކުރެވޭނެ މަޢުލޫމާތު. އެހެންމީމަ މިއީ މީގެ ބޭނުމަކީ. ޖިޑިޓަލައިޒް ކުރުމުގެ ބޭނުމަކީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކަށް މަޢުލޫމާތު ޔަޤީންކުރުން. ބަޔަކު މޭޒެއްކައިރީ ތިބެ ދައްކާވާހަކަ ނޫނީ ސުފުރާ މަތީ ދައްކާވާހަކަ އެއީ ހަޤީޤަތެއްތޯ ނޫނީ ނޫންތޯ ޗެކްކުރަންޖެހޭ. މިއީ ހަޤީޤަތުގައި ޑިމޮކްރަސީއަކީ. ޑިމޮކްރަސީއަކީ ބަޔަކު ދައްކާހާވާހަކައެއް އަޅުގަނޑުމެން ޤަބޫލްކުރުމެއްނޫން. އަޅުގަނޑުމެނަށް އެބަހުރި މަޢުލޫމާތު ލިބޭނެ އެތައް ވަސީލަތެއް". މިިނިސްޓަރ ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/15108162744558.jpg|
މިއަދު ތަޢާރަފްކުރި އެޕްލިކޭޝަންގައި ބަޖެޓް ފޮތުގައި ހުރި ހުރިހާ މަޢުލޫމާތާއި ބަޖެޓާބެހޭ ތަފްސީލް ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި އެޕްލިކެޝަން އެންޑްރޮއިޑާއި އެޕަލްގެ ފޯނުތަކަށް މިހާރު ޑައުންލޯޑްކުރެވޭނެއެވެ. މި އެޕްލިކޭޝަންގެ އެންމެ ބޮޑުބޭނުމަކީ ޖެކްނޮލޮޖީ ބޭނުންކޮށްގެން ބަޖެޓާބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި މިއަދު ނެރުނު ބަޖެޓް ލުއިފޮތަކީ ބަޖެޓް ފޮތުގައި ހުރި ތަފްސީލީ މަޢުލޫމާތު ރައްޔިތުންނަށް ވީހާވެސް ތިލަކޮށް ގެނެސްދީފައިވާ ފޮތެކެވެ.